ތުރުކިޔޭގެ ހަތޭގައި މެއި 8 އިން 9 އަށް ކުރިއަށްދިޔަ "ރޯޑް ޓު ކޮޕް 31: ރެޒިލިއަންޓް ސިޓީސް" ބައްދަލުވުމުގައި މިނިސްޓަރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެން، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން ވަކާލާތު ކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ކޮޕް 31 އަށް ތައްޔާރުވުމުގެ ގޮތުން، ސިޓީތަކުގެ ވިލުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގެ ތެރެއިން ބޭއްވުނު ހައި-ލެވެލް ސެޝަނެއްގައި މިނިސްޓަރު ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކާރިސާތަކަށްފަހު އަލުން އާރާސްތުކުރުމުގައި ވިލުންތެރިކަން އިތުރުވާނެ ފަދަ ގޮތަކަށް ސިޓީތައް ބިނާކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތިންވަނަ ’ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން' (NDC) އާއި ’ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން' އަކީ ރާއްޖޭގެ ’ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓެޖީ' އާ ގުޅިލާމެހިފައިވާ ކަންކަންކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކޮޕް 31 ގެ ރިޔާސަތު ބަލަހައްޓާ ގައުމެއްގެ ގޮތުގައި ތުރުކިޔޭއިން އަދާކުރާ ދައުރަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިނިސްޓީރިއަލް ރައުންޑްޓޭބަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ވަނީ ގައުމީ ތަރައްގީގެ ދިގު މުއްދަތުގެ ޕްލޭންތަކުގައި ކާރިސީ ހިރާސް ކުޑަކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ ބެހޭ މަސައްކަތްތައް ހިމެނުމުގެ މުހިއްމުކަމުގެ މައްޗަށް ބާރު އަޅުއްވާފައެވެ. ރާއްޖޭގެ ސިޔާސަތުތައް ތަރުތީބުކުރެވިފައިވަނީ އ.ދ.ގެ ސެކެޓްރީ ޖެނެރަލްގެ "އާރލީ ވޯނިންގސް ފޯ އޯލް އިނިޝިއޭޓިވް" އާ އެއްގޮތަށް އެކުލަވާލެވިފައިވާ ގައުމީ މަގުޗާޓާ އެއްގޮތަށްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު ޢަލީ ޝަރީފް ވަނީ ތުރުކިޔޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އާބަނައިޒޭޝަން އެންޑް ކްލައިމެޓް ޗޭންޖް މުރާތު ކުރުމްއާ އެކު ރަސްމީ ބައްދަލުވުމެއް ބާއްވާފައެވެ. މީގެ އިތުރުން ބަންގްލަދޭޝް، ބުރުނާއީ، ލީބިޔާ، ކޮސޯވޯގެ ވަޒީރުންނާއި ޔޫ.އެން. ހެބިޓެޓްގެ އެގްޒެކެޓިވް ޑިރެކްޓަރާ ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ދަތުރުފުޅުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން އިސްކަންދޭ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމަށާއި، ކުރިއަށް އޮތް ކޮޕް 31 ގެ ރިޔާސަތާ ގާތް ގުޅުމެއް އުފެއްދުމަށް މުހިންމު ފުރުސަތުތަކެއް ލިބިގެންގޮސްފައިވެއެވެ.


