Tuesday, 28 July 2026
ސިފަމާ ފަންރަން 2026---ފޮޓޯ:ރައީސްއޮފީސް

ސިފަމާ ފަން ރަން 2026 މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ސިފައިންގެ ފެމިލީ އެސޯސިއޭޝަން (ސިފަމާ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ "ސިފަމާ ފަން ރަން 2026″ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައި، އެ ޙަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފިއެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ ދެކަނބަލުންނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ދެކަނބަލުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ދުވުން ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު، ދުވުމުގެ ޙަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ސިފަމާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ އެކަމަނާއާ ޙަވާލުކޮށްދެއްވީ ސިފަމާގެ ޗެއަރޕާރސަން ޚަދީޖާ ޒީނާ ރިފްޢަތުއެވެ.

ސިފައިންގެ ޢާއިލާތަކާއި އާއްމުން ހިމެނޭގޮތަށް 1,000 އަށްވުރެ ގިނަ މީހުން ބައިވެރިވި މި ދުވުމަށްފަހު، ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަހާ ގުޅުވައިގެން ޚާއްޞަ ކޭކެއް ފެޅުންވެސް އޮތެވެ. މިއީ ސިފައިންގެ ފެމިލީ އެސޯސިއޭޝަނުން މި ދުވުން ބޭއްވި ދެވަނަ އަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *