ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ހިމެނޭހެން ބަޔޯމެޓްރިކް މައުލޫމާތު ނެގުމަށް ފެށި މި އޮޕަރޭޝަނާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ގައުމީ ބޮޑު އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި މި މަގުސަދު ހާސިލުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގެ ކުރިއޭރުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، ސައްހަ ވޯކްޕާމިޓްގައި ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން %98 މީހުންގެ ބަޔޯމެޓްރިކްސް މިހާރު ނަގައި ނިމިފައިވާ ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ހަވާލުވިއިރު 17 ނޮވެމްބަރު 2023 ގައި މި އަދަދު ހުރީ އެންމެ %13 ގައެވެ.
ވަޒީރު އިހްސާން ވިދާޅުވީ، "އޮޕަރޭޝަން ކުރަނގި" ގައި ބައިވެރިވާ ހުރިހާ އެންމެންނާއި މުއައްސަސާތަކަށް އަޅުގަނޑުގެ އިހުލާސްތެރި ޝުކުރު ދަންނަވަން. ކުރީގެ ސަރުކާރުތަކަށް ހައްލު ނުކުރެވި ދިގުލައިގެން ގޮސްފައިވާ މި ބޮޑު ގައުމީ މައްސަލައަށް، މި އޮޕަރޭޝަންގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯއްދެވީތީ، ރައީސް ޑރ. މުއިއްޒަށް މަރުހަބާއެއް ދަންނަވަން،" ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި، ބާކީ ތިބި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ރާއްޖެއިން ޑީޕޯޓްކުރުމުގެ ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމެވެ. މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ސަރުކާރުން ފާހަގަކުރެއެވެ.
2024 މެއި 2 ގައި ފެށި މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީންގެ މައުލޫމާތު ވަނީ ސިސްޓަމަށް އެތެރެކުރެވިފައެވެ. މީގެ ސަބަބުން ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއަކީ ކާކުކަން ދެނެގަތުމުގެ ގާބިލުކަން ދައުލަތުގެ މުއައްސަސާތަކަށް ލިބިގެންދާނެއެވެ.


