ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭގައި އަޅާފައި އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ސަފާރީގައި މިއަދު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނީ، ކުރުނބާ މޯލްޑިވްސް އާއި ހުޅުމާލެއާ ދޭތެރޭގައި އޮތް މި ސަފާރީގައި ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ހާދިސާގެ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތަކުން އެނގޭ ގޮތުގައި، ސަފާރީގައި ވަރަށް ބޮޑަށް ރޯވެ، މުޅި ސަރަހައްދަށް ވަނީ ކަޅު ދުން ފެތުރިފައެވެ. އަލިފާންގަނޑު ސަފާރީގެ ބޮޑު ބަޔަކަށް ފެތުރިފައިވާކަން މަންޒަރުތަކުން ސާފުވެއެވެ.
މިއީ މިއަދު ހިނގި އަލިފާނުގެ ދެވަނަ ހާދިސާ އެވެ. މީގެ ކުރިން މިއަދު ވަނީ ގުޅީފަޅު ކައިރީގައި އޮތް ދޯންޏެއްގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ. އެމްއެންޑީއެފް އިން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.


