Tuesday, 28 July 2026
ރައީސް މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް 6 މަސްދުވަހު އޮންނާނީ ބައޯމެޓްރިކް ޑާޓާ ނުދޭ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް: ރައީސް

ކުރިއަށް އޮތް ހަ މަސްދުވަހު ދިވެހި ސަރުކާރުން ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ކުރުމަށް ރާވާފައި އޮތް މަސައްކަތަކީ އޮޕަރޭޝަން "ކުރަނގި"ގެ ދަށުން ބައޯމެޓްރިކް ޑާޓާ ނުދީ ތިބި ބިދޭސީން ހޯދައި ޑީޕޯޓުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގައި ބިދޭސީން ތިބި އަދަދާއި އެމީހުން ދިރިއުޅޭ ތަންތަނާއި އެމީހުން ކުރާ މަސައްކަތް ދިވެހި ސަރުކާރުގައި ރެކޯޑުކުރެވި ބެލެހެއްޓެމުންނުދާ ކަމަށެވެ. އެކަން ބަދަލުކުރެއްވުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމާއެކު، ރާއްޖޭގައި ތިބި ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ ދިހަ އިނގިލީގެ ނިޝާނާއި ފޮޓޯއާއެކު ބައޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އޮޕަރޭޝަން ކުރަނގީގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައި ނިމިފައިވާ ކަމަށެވެ. މިއީ 2023 ވަނަ އަހަރުގެ ނޮވެންބަރު 17 ގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު މި ޑޭޓާ ނެގިފައިވާ 13 އިންސައްތައާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، ދެން އޮތް މަރުހަލާގައި ކުރިއަށްދާނީ ބައޯމެޓްރިކް ޑޭޓާ ނުދީ ތިބި މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތެވެ. "އެ މަރުހަލާގެ ދަށުން ކުރިއަށް އޮތް ހަ މަސްދުވަހު ކުރިއަށްގެންދާނެ މަސައްކަތަކީ ބައޯމެޓްރިކް ޑޭޓާ ނުދީ ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިން ހޯދައި، އެމީހުން ރާއްޖެއިން ޑީޕޯޓުކުރުމުގެ ހާއްސަ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 11,000 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓުކޮށްފައެވެ. މިއީ ނިމިދިޔަ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ޑީޕޯޓުކުރެވުނު 2,400 އެއްހައި ބިދޭސީންނާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *