Tuesday, 28 July 2026
ފޮޓޯ: މެރިން ޕޮލިސް

ގުޅީފަޅު ބޭރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ގުޅީފަޅު ނެރާދިމާލު ބޭރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި މިއަދު މެންދުރުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ "އޮގްޒޮން ކެރިއަރ 2″ ނަމަކަށްކިޔާ މުދާ އުފުލާ އުޅަނދެއްގައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބުމާއެކު މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަލިފާން ރޯވީ އުޅަނދު ގުޅީފަޅު ނެރާދިމާލު ބޭރުގައި އޮއްވައެވެ.

މެރިން ފުލުހުން ބުނީ މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 13:30 ހާއިރު ކަމަށެވެ. އަދި އުޅަނދުގައި އަލިފާން ރޯވުމާއެކު، އެފްއެސްއެމްގެ އުޅަނދެއް އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އުޅަނދަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އުޅަނދުގެ އިންޖީނުގެއާ ދިމާލުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *