ދިވެހި ޙައްޖާޖީން މިނާގައި ތިބޭ ޓެންޓްތަކުގެ އެންމެފަހުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ޓީމުން ބައްލަވައިލައްވައިފިއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، ދިވެހި ޙާޖީންނަށް ބޭނުންވާ އިންތިޒާމްތައް އެންމެ ފުރިހަމައަށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ދިވެހި ޙައްޖާޖީން މިއަހަރުވެސް މިނާގައި ތިބޭނީ މިދިޔަ އަހަރުވެސް ތިބި ސަރަޙައްދުގައެވެ. މި ސަރަހައްދަކީ ދަތުރުފަތުރަށް ފަސޭހަ އަދި ޖަމްރާތަކަށް ހިލައުކަން ދިއުމަށްވެސް ލުއިފަސޭހަ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ. ފާއިތުވެދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މިނާގެ ޓެންޓުތަކުގައި ދިވެހި ޙާޖީންނަށް ފުރިހަމަ ޚިދުމަތެއް ލިބިގެންދާނެ ކަމަށް ޙައްޖު މިޝަންއިން މަޢުލޫމާތުދެއެވެ.
ޓެންޓުތަކުގެ އަމަލީ މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ވަސީލަތްތައް ޤާއިމުކުރުމުގެ ފަހުގެ މަސައްކަތްތަކެވެ. ޚާއްޞަގޮތެއްގައި ޙާޖީންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، 2025 ވަނަ އަހަރަށްވުރެ މިއަހަރު މިނާ ޓެންޓުތަކުގެ ފާޚަނާތަކުގެ އަދަދު ވަނީ ހަތަރުގުނަ އިތުރުކޮށްފައެވެ. އެގޮތުން ޖުމްލަ 64 ފާހަނާ އެ ސަރަހައްދުގައި ޤާއިމްކުރެވޭނެއެވެ.
ޙައްޖު މިޝަންއިން ވަނީ މިނާގެ އެންމެ ފަހުގެ އިންތިޒާމްތައް ކުރިއަށްދާގޮތް ބައްލަވާލައްވައި، މުތައްވިފް ރަވާފް މިނާއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި "ދިވެހި ޙައްޖާޖީންނަށް ފުރިހަމަ ޚިދުމަތެއް ދޭނެކަމުގެ ޔަޤީންކަން" ރަވާފް މިނާއިން ވަނީ ދެއްވާފައެވެ. މިއީ ދިވެހި ޙާޖީންގެ ފަސޭހައަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދިޔަ މުހިންމު ބައްދަލުވުމެކެވެ.


