Tuesday, 28 July 2026
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ -- ފޮޓޯ: ރާއްޖެ24

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލައިފި

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު އެ ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވަނީ މެއި މަހުގެ 8 ވަނަ ދުވަހުގެ ރޭ ދަމުން 00:09 އެހައިކަންހާއިރުއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެއީ ކާކުކަން ފުލުހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް، އިތުބާރު ހުރި ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި، މި ހަމަލާގައި ޒަހަމުވެފައިވަނީ މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް ސައްތާރަށެވެ. އޭނާއަށް ހަމަލާދިން ސަބަބެއް ނުވަތަ ހަމަލާދިނީ ކޮން ބައެއްކަން އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. މީގެ އިތުރުން އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ވެސް އަދި ކަމާބެހޭ ފަރާތްތަކުން ހާމައެއް ނުކުރެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ލިބިފައި ނުވާއިރު، ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި މައްސަލައާ ގުޅުންހުރި އިތުރު ކަންކަން ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *