ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ދެވޭ ފަރުވާ ހަރުދަނާކޮށް، ދުޅަހެޔޮ ސިއްޙަތެއް ކަށަވަރުކުރުމަށް ރާއްޖޭގެ ސިއްޙީ ނިޒާމުގެ މިސްރާބު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ނޭވާހިއްލުމުގެ ދުވަސް ނުވަތަ 'ވޯލްޑް އެސްތުމާ ޑޭ' އާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިން އިން އިންތިޒާމުކޮށްގެން ބޭއްވި މި ސިމްޕޯޒިއަމްގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ނޭވާހިއްލުމަކީ ރާއްޖޭގައި ވަރަށް އާންމު ބައްޔެއް ކަމަށެވެ. އަދި ތިމާވެށި ތަޣައްޔަރުވުމަކީ މި ބައްޔަށް މަގުފަހިވާ މައިގަނޑު އެއް ސަބަބުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ސާޖިދާ މުޙައްމަދުގެ ވާހަކަފުޅުގައި، އިންހޭލާ ބޭނުންކުރުމަކީ މައްސަލައެއް ނޫންކަން މުޖުތަމަޢަށް ވިސްނައިދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ބަލިމީހުންނަށް އޯގާތެރިކަމާއެކު އެހީތެރިވުމަށް އިލްތިމާސްކުރައްވަމުން އެކަމަނާ ވިދާޅުވީ، "އިންހޭލާ ބޭނުންކުރުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން" ކަމަށެވެ.
މި ސިމްޕޯޒިއަމްގައި ސިއްޙީ މާހިރުން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އިންހޭލާ ބޭނުންކުރުމަށް ގިނަ ބަޔަކު ލަދުގަނެއެވެ. މީގެ އިތުރުން، ބޭނުންވާ ބާވަތުގެ ބޭހާއި ޑޯޒް ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން، އެޑްމިޓްނުކޮށް ފަރުވާ ދެވޭނެ ހާލަތްތަކުގައިވެސް ބަލިމީހާ އެޑްމިޓްކުރަންޖެހޭ ހާލަތަށް ބަލި ބޮޑުވާކަން މާހިރުން ފާހަގަކުރެއްވިއެވެ.
ސިއްޙީ ދާއިރާގެ ބޭފުޅުން އިތުރަށް ވިދާޅުވީ، ނޭވާހިއްލުމަކީ ހަމައެކަނި ނޭވާލާން އުނދަގޫވުން ނޫންކަމާއި، އެއީ ފުއްޕާމޭގެ ދުޅަކަމަކުން ކުރިމަތިވާ ހާލަތެއްކަން އާންމުންނަށް އޮޅުންފިލުވައިދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. މިއަހަރުގެ ނޭވާހިއްލުމުގެ ދުވަހުގެ ޝިއާރަކީ "އެންމެނަށް ބޭނުންވާ އިންހޭލާގެ ފަރުވާ ފޯރުކޮށްދިނުން" މިއެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 5 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ނޭވާހިއްލުމުގެ ދުވަހާ ގުޅުވައިގެން ބޭއްވި މި ސިމްޕޯޒިއަމްގެ މައިގަނޑު މަގްސަދަކީ މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި، ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް މަޝްވަރާކުރުމެވެ.


