ދިވެހި 'އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓް' ޕްރިންޓް ކުރުމަށް ބޭނުންވާ ޕާސްޕޯޓް ބުކްލެޓްގެ ސްޓޮކް ލިބުން ލަސްވުމާ ގުޅިގެން، އެ ފަދަ ޕާސްޕޯޓު ދޫކުރުން މޯލްޑިވްސް އިމިގްރޭޝަނުން މެދުކަނޑާލައިފިއެވެ. މި ބަދަލާއެކު މާދަމާއިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ދޫކުރާނީ 'ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް' ކަމަށް އެ އިދާރާއިން މިއަދު ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި ނިންމުމަކީ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމަށްޓަކައި އެޅި ފިޔަވަޅެކެވެ. މިހާރު ދޫކުރަން ނިންމާފައިވާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ، ފަސް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
އާންމުކޮށް ދޫކުރާ އީ-ޕާސްޕޯޓުގެ އަގަކީ 1،000 ރުފިޔާ ނަމަވެސް، މިހާރު ދޫކުރާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާއެވެ. މީގެ އިތުރުން، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޓްރޯނިކް ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް، 'ކެންސެލޭޝަން ފީ’އަކާ ނުލައި އެ ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އިމިގްރޭޝަނުން ވަނީ ދީފައެވެ.
މީގެ ކުރިން ޕާސްޕޯޓުގެ މުއްދަތު ހަމަނުވަނީސް އާ ޕާސްޕޯޓަކަށް އެދޭ ނަމަ ވަކި ފީއެއް ނަގަމުން ދިޔަ ނަމަވެސް، މި ހާލަތާ ގުޅިގެން އެ ފީ އުނިކޮށްދިނުމަށް ވަނީ ނިންމާފައެވެ. އިމިގްރޭޝަނުން މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަހަކަށް ޕާސްޕޯޓު ބުކްލެޓްތައް ގެނެސް، އާންމު އުސޫލުން އީ-ޕާސްޕޯޓު ދޫކުރަން ފެށުމަށެވެ.


