ފުލުހުން ހާމަކުރި ގޮތުގައި މިފަދަ އަމަލުތަކަކީ މަނީ ލޯންޑަރިން ފަދަ ބޮޑެތި ޖިނާއީ ކުށްތަކަށް މަގުފަހިވާ ކަންކަމެވެ. މިފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، ބޭންކިން ހިދުމަތްތަކުން މަހުރޫމުވުމުގެ ފުރުސަތު އޮންނާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ. އަދި އެކައުންޓަކުން ކުރާ ކޮންމެ މުއާމަލާތެއްގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ އެ އެކައުންޓެއްގެ ވެރިފަރާތުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެކައުންޓު ކުއްޔަށް ދޭ މީހުންނާއި ކުއްޔަށް ހިފާ މީހުން ހޯދައި، މާލީ އިދާރާތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ. މިއީ މާލީ ނިޒާމުގެ ރައްކާތެރިކަން ދެމެހެއްޓުމަށާއި، އާންމުން ކުށްތަކުގައި ބައިވެރިވުން ހުއްޓުވުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.
އެހެންކަމުން، ސޯޝަލް މީޑިއާގައި ފެންނަ މިފަދަ އިޝްތިހާރުތައް އެކަކު އަނެކަކަށް ހިއްސާ ނުކުރުމަށާއި، މިފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އާންމުން މިފަދަ ކަންކަމަށް ސަމާލުވެ، އަމިއްލަ ބޭންކު އެކައުންޓުގެ މައުލޫމާތާއި ކާޑު އެހެން ފަރާތްތަކަށް ނުދިނުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.


