ހެޔޮ ގޮތުގައި ވެވޭ ޙައްޖެއްކަމުގައި ޙައްޖުވުމަށްޓަކައި، ޙައްޖަށް ދިޔުމުގެ ކުރިން ކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރިކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
"ހެޔޮ ގޮތުގައި ވެވޭ ޙައްޖު" މި މައުޟޫޢަށް ރާއްޖޭގެ އެކިކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ވަނީ ޙައްޖުގެ މަތިވެރި އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން އިޚްލާސްތެރި ތައުބާއަކުން ތައުބާވުމަށާއި، ދަރަންޏާއި ލިބެންހުރި ތަކެތި ލިޔެ ބެލެހެއްޓުމަށް އިރުޝާދު ދެއްވާފައެވެ.
ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި ޙައްޖުވުމަށް ކުރާ ޚަރަދުތަކަކީ ޙަލާލު ގޮތުގައި ހޯދާފައިވާ މުދަލާއި ފައިސާއިން ކުރާ ޚަރަދުތަކަކަށް ވާންޖެހެއެވެ. އަދި ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް ޙަލާލު ތަކެތި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
"ދެއްކުންތެރިކަމުން ޠާހިރުވެ، މާތް اللهއަށް ޓަކައި އިހްލާސްތެރިކަމާ އެކު ކުރާ ކަމެއްކަމުގައި، ތިމާގެ ކޮންމެ ޢަމަލެއް ވުމަކީ ވެސް ވާޖިބުކަމެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން ޙައްޖަށް ނުވަތަ ޢުމްރާއަށްދާ މީހާ އެ އަޅުކަން އަދާކުރާނެ ގޮތާއި އޭގެ ޙުކުމްތައް ރަނގަޅަށް އުނގެނި ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ޙައްޖު ވާޖިބުވުމަށްފަހު އެކަމަށް ކެރިކުޅަދާނަވެއްޖެ މީހާ، ލަސްނުކޮށް ޙައްޖުވުމަށް އަވަސްވެގަތުމަކީ ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.
ޙައްޖު އަދާކުރުމަށް ކެރިކުޅަދާނަވުމުގެ މާނައަކީ ޞިއްޙީ ގޮތުންނާއި، މާލީ ގޮތުން އެކަމަށް ކުޅަދާނަވުމުގެ އިތުރުން ދަތުރުފަތުރުގެ މަގު އަމާންވެގެންވުން ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. ޢުމުރުން އެއްފަހަރު ޙައްޖާއި ޢުމްރާވުމަކީ ވާޖިބު ކަމެއް ކަމަށާއި، އެއަށްވުރެ ގިނައިން އެ އަޅުކަން އަދާކުރުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.


