Wednesday, 29 July 2026
އެމްވީ ހޮންޑިއަސް ކްރޫޒްލައިނުން ހަންޓަވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހަކު އެމްބިއުލާންސަށް ގެންދަނީ -- ފޮޓޯ ޕީޓާ ޑިޖޮންގް/އޭޕީ ސީއެންއެން ނިއުސޯސް މެދުވެރިކޮށް

ހެންޓާވައިރަސް: 8 މީހަކަށް ބަލި ޖެހި ތިން މީހަކު މަރުވެއްޖެ، ބަލީގެ ނުރައްކާ ކުޑަ

"އެމްވީ ހޮންޑިއަސް" ނަމަކަށް ކިޔާ ކްރޫޒް ޝިޕެއްގައި ހެންޓާވައިރަސް ފެތުރެމުންދާ ކަމަށާއި، މިހާތަނަށް އަށް މީހަކަށް މި ބަލި ޖެހި ތިން މީހަކު މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިއޭސަސް މިއަދު ވިދާޅުވެއްޖެއެވެ. ބަލި ޖެހުނު އަށް މީހުންގެ ތެރެއިން ފަސް މީހަކަށް ހެންޓާވައިރަސް ޖެހިފައިވާކަން މިހާރު ވަނީ ކަށަވަރު ކުރެވިފައެވެ.

މި ބޯޓުން ފެނިފައިވަނީ ހެންޓާވައިރަސްގެ ބާވަތެއް ކަމަށްވާ "އެންޑީސް ވައިރަސް" އެވެ. މިއީ އިންސާނުންގެ މެދުގައި ބަލި ފެތުރުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި ހެންޓާވައިރަސްގެ ބާވަތެވެ. ނަމަވެސް މި ބަލި ފެތުރެނީ ގާތް އަދި ގިނަ ވަގުތު އެކުގައި އުޅޭ މީހުންގެ މެދުގައި އެކަނި ކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަކުރެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ޓެޑްރޯސް ވިދާޅުވީ، މިއީ ސީރިއަސް ހާދިސާއެއް ނަމަވެސް، އާންމު ސިއްހަތަށް އޮތް ނުރައްކާ ކުޑަ ކަމަށް ޑަބްލިއުއެޗްއޯއިން އަންދާޒާކުރެވޭ ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަން ނަގާ މުއްދަތަށް ބަލާއިރު، އިތުރު ކޭސްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއިން މިހާރު ދަނީ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް (އައިއެޗްއާރު) ގެ ދަށުން ގިނަ ގައުމުތަކަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ޑރ. ޓެޑްރޯސް ވިދާޅުވި ގޮތުގައި އެ ޖަމްއިއްޔާގެ އެންމެ ބޮޑު އިސްކަމެއް ދެނީ ބަލިޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށާއި، ބޯޓުގައި ތިބި އެހެން ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށެވެ.

މި މަހުގެ 2 ވަނަ ދުވަހު މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ޑަބްލިއުއެޗްއޯއިން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ބޯޓުގައި ތިބި މީހުންގެ މެޑިކަލް އެސެސްމަންޓް ހެދުމަށް ތަޖުރިބާކާރަކު ބޯޓަށް ފޮނުވުމާއި، އާޖެންޓީނާއިން ފަސް ގައުމެއްގެ ލެބޯޓްރީތަކަށް 2500 ޑައިގްނޯސްޓިކް ކިޓް ފޮނުވުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، ބޯޓު ބަނދަރުކުރުމުން ފަސިންޖަރުންނާއި ފަޅުވެރިން ރައްކާތެރިކަމާއެކު ބޭލުމަށާއި، އެމީހުން ދަތުރުކުރާނެ ގޮތުގެ އިރުޝާދުތައް އެކުލަވާލުމުގެ މަސައްކަތް ވެސް ޑަބްލިއުއެޗްއޯއިން ދަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *