ރާއްޖޭގައި މިދުވަސްވަރު އިންފްލުއެންޒާ ރޯގާ ބާރަށް ފެތުރެމުންދާތީ، ކުރިއަށް އޮތް ބޮޑު އީދު ބަންދާ ކުރިމަތިލާއިރު ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖެހުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ އިލްތިމާސްކުރައްވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވެސް ވަނީ ވައިރަސްއަކުން ޖެހޭ މި ރޯގާ އިތުރުވަމުންދާކަން ފާހަގަކޮށް، އާންމުން މިކަމަށް ސަމާލުވުމަށް އެދިފައެވެ. ޑރ. މުހައްމަދު އަލީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވިދާޅުވީ، އީދު ބަންދު ފެށުމުގެ މަދުވެގެން ދެ ހަފުތާ ކުރިން އިންފްލުއެންޒާ ވެކްސިން ޖަހަން ޖެހޭ ކަމަށެވެ.
"ހަށިގަނޑުގައި ވެކްސިން މަސައްކަތް ކުރަން ދެ ހަފުތާ ނަގާނެ،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ. އީދު ބަންދަކީ ގިނަ ބަޔަކު އެއްވެ އުޅޭ އަދި ދަތުރުފަތުރު ގިނަ ދުވަސްވަރަކަށް ވުމުން، ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެތީ ދުރާލާ ރައްކާތެރިވުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެޗްޕީއޭއިން ބުނާ ގޮތުގައި އިންފްލުއެންޒާ އާއި އާދައިގެ ރޯގާގެ އަލާމާތްތައް އެއްގޮތްވި ނަމަވެސް، އިންފްލުއެންޒާގެ ސަބަބުން ކުރާ އަސަރު މާ ބޮޑެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ރޯގާ ޖެހުމާއި، ގައިގައި ރިއްސުން އަދި ބޮލުގައި ރިއްސުން ހިމެނެއެވެ. މި ބަލީގައި އެންމެ ނުރައްކާ ބޮޑީ ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
އިންފްލުއެންޒާއިން ރައްކާތެރިވުމަށްޓަކައި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި، މީހުން ގިނަ ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ. އަދި ބަލިވެއްޖެ ނަމަ ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމަށާއި، ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ.


