Tuesday, 28 July 2026

ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެކަމުގެ ޔަގީންކަން ރަވާފް މިނާއިން ދީފި

ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އިންތިޒާމުތައް ފުރިހަމަކުރުމާ ގުޅޭގޮތުން، ރާއްޖޭގެ ޙައްޖު މިޝަނާއި ސައުދީގެ މުޠައްވިފް އެޖެންޓް، ރަވާފް މިނާ އާ ދެމެދު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ރަވާފް މިނާގެ ސީއީއޯ ޒުހައިރް ޢަބްދުލް ޙާމިދް ސަދަޔޯ ވަނީ، ދިވެހި ޙައްޖާޖީންނަށް ބޭނުންވާ އެންމެހާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި އިންތިޒާމު ކުރެވިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މައްކާގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މައްކާގައި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ޤާއިމުކުރާ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސްއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ޙައްޖާޖީން މައްކާއަށް އަންނަ ދުވަސްތަކަށް ވާންޖެހޭ ތައްޔާރީތަކާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށެވެ. މުޠައްވިފުންނަކީ ޙައްޖުގެ މާތް އަޅުކަމުގައި ޙާޖީންނަށް މަގުދައްކައިދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ ޚާއްޞަ ފަރާތްތަކެވެ.

ޙައްޖުވެރިންގެ ކަންކަން ފުރިހަމަކުރުމަށް ސަރުކާރުން ދުރާލާ ތައްޔާރުވަމުން އަންނައިރު، މިދިޔަ އަހަރަކީ ދިވެހި ޙައްޖާޖީންނަށް އެންމެ ފުރިހަމަ ޚިދުމަތްތަކެއް ލިބުނު އަހަރެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިއަހަރުވެސް އެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޙައްޖު މިޝަނުން ބުނެއެވެ. މިކަންކަން ބެލެހެއްޓުމަށްޓަކައި ރާއްޖޭގެ ޙައްޖު މިޝަން މިހާރު ވަނީ ސައުދީ އަރަބިއްޔާގައި ހަރަކާތްތެރިވާން ފަށާފައެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *