Tuesday, 28 July 2026
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) --

ޑީޖޭއޭގެ ދެ ޑިރެކްޓާ ޖެނެރަލުން ސަސްޕެންޑްކޮށްފި

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އިދާރާގެ ދެ ޑިރެކްޓާ ޖެނެރަލުން ކަމަށްވާ ޒަކަރިއްޔާ ހުސެއިން އާއި އަހުމަދު އަލީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފި އެވެ. މި ދެ ބޭފުޅުން ސަސްޕެންޑްކުރިކަން އެނގިފައިވީ ނަމަވެސް، އެއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ.

ސަސްޕެންޑްކުރި ދެ ބޭފުޅުންގެ ތެރެއިން ޒަކަރިއްޔާ ހުސެއިން އަކީ ޑީޖޭއޭގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާ އެވެ. އޭނާއަކީ މީގެކުރިން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ދެން ސަސްޕެންޑްކުރި އަހުމަދު އަލީ އަކީ ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. އޭނާ ވަނީ މީގެކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ޑީޖޭއޭގެ އިސް ދެ އޮފިޝަލަކު ސަސްޕެންޑްކޮށްފައި މިވަނީ އެ އިދާރާގެ އެންމެ އިސްވެރިޔާ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާގެ މަގާމުގައި ހުންނެވި އަމުޖަދު މުސްތަފާ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. އަމުޖަދު އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީގައި އެކަމުގެ އެއްވެސް ސަބަބެއް ބަޔާންކުރައްވާފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރެއްވި އަމުޖަދު ޑީޖޭއޭގެ ވެރިޔާގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. .

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *