ފ. ފީއަލީގައި މިދިޔަ މަހުގެ ނުވަވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އައި ބިދޭސީ މީހާ މަރުވެއްޖެއެވެ.
ފީއަލީ ފަޅުތެރޭގައި އަޅާފައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެ، މުޅި ސަރަހައްދަށް ފެތުރުނު ބޮޑު އަލިފާނުގެ ހާދިސާގައި ފިހުނީ އެ ދޯނީގައި މަސައްކަތްކުރަމުން އައި ބަންގްލަދޭޝް މީހެއް ކަމަށްވާ ޑެލޯވާ އެވެ. އެއީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ މި މަހުގެ ހަތަރެއް ވީ ހޯމަ ދުވަހުގައި ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ތެޔޮ ދޯނީގައި އަލިފާން ރޯވީ ދޯނީގެ ޕަމްޕު ސްޓާޓްކުރަން ހިފިތަނާ ހުޅު ހިފައިގެންނެވެ. ތިން ގަޑިއިރެއްހާ އިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލްވި އިރު ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ.


