Tuesday, 27 October 2026
ރޮއިޓާސް ފައިލް ފޮޓޯ --

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ފްރާންސްގެ ބޯޓަކަށް ހަމަލާދީފި

ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ކޮންޓޭނަރު ޝިޕިންގް ލައިން ކަމަށްވާ ފަރަންސޭސިވިލާތުގެ ސީއެމްއޭ ސީޖީއެމްގެ ބޯޓަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށް ހަމަލާދީފިއެވެ. މި ހަމަލާގައި ބޯޓަށް ގެއްލުންވެ، ބައެއް ފަޅުވެރިން ޒަހަމްވެފައިވާ ކަމަށް އެ ކުންފުނިން ބުދަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ.

އަންގާރަ ދުވަހު ހަމަލާ އަމާޒުވި ’ސަން އެންޓޯނިއޯ' ބޯޓުން ޒަހަމްވި އަށް ފަޅުވެރިންނަށް މިހާރު ދަނީ ސިއްހީ ފަރުވާ ދެމުންނެވެ. އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ހާމަކުރި ގޮތުގައި، މިއީ މި ހަނގުރާމަ ފެށުނު ފަހުން ހިނގި މިފަދަ 32 ވަނަ ހާދިސާއެވެ. ޒަހަމްވި ފަޅުވެރިންނަކީ ފިލިޕީންސްގެ ރައްޔިތުން ކަމަށް ފަރަންސޭސި ސަރުކާރުން ބުނެފައިވެއެވެ.

މެރިޓައިމް ސެކިއުރިޓީ މަސްދަރުތަކުން ބުނާ ގޮތުގައި، އޮމާން ކައިރިން ރޭގަނޑު ދަތުރުކުރަނިކޮށް މި ބޯޓަށް ހަމަލާދީފައިވަނީ އީރާނުން ފޮނުވާލި ހަތިޔާރަކުންނެވެ. މި ހަމަލާ ދީފައި މިވަނީ، ގަލްފުގައި ތާށިވެފައިވާ ބޯޓުތައް ނެރުމަށް އެމެރިކާ އިން ފެށި އޮޕަރޭޝަން، އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.

މި ހަމަލާއާ ގުޅިގެން ފަރަންސޭސި ސަރުކާރުގެ ތަރުޖަމާނު މައުޑް ބްރޭޖަން ވިދާޅުވީ، މިއީ ސީދާ ފަރަންސޭސިވިލާތަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް، އީރާނުގެ ބާރުގެ ދަށުގައިވާ ސަރަހައްދު އިތުރުކޮށް، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ނުރައްކާ ބޮޑުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސީއެމްއޭ ސީޖީއެމްގެ އެހެން ބޯޓެއް ކަމަށްވާ ’ސައިގޮން' ވަނީ ރައްކާތެރިކަމާއެކު ގަލްފުން ބޭރުވެފައެވެ. ޝިޕިންގް އެސޯސިއޭޝަން (ބިމްކޯ) ގެ ސެކިއުރިޓީ އޮފިސަރު ޖޭކޮބް ލާސަން ވިދާޅުވީ، އީރާނުގެ ކޯޑިނޭޝަނާ ނުލައި ދަތުރުކުރުމަކީ ބޮޑު ނުރައްކަލެއް އޮތް ކަމެއް ކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތައަށް ބުރޫ އަރާފައިވާއިރު، ސަތޭކައަށްވުރެ ގިނަ ބޯޓު ވަނީ އެ ސަރަހައްދުގައި ތާށިވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނާއެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަޝްވަރާތައް ކާމިޔާބުވުމާ ގާތްވެފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *