އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު ބިނާރުތަކަށް އަމާޒުކޮށް ދިން ޑްރޯނާއި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާތަކާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ޔޫއޭއީގެ އިސްތިގުލާލަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެއް ކަމަށެވެ.
ދިވެހި ސަރުކާރުން ބުނި ގޮތުގައި މިފަދަ ހަމަލާތަކަކީ މުޅި އެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެކެވެ. އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަމާއެކު ކަމަށާއި، އެ ގައުމުގެ އިސްތިގުލާލާއި ސަލާމަތް ދިފާއުކުރުމަށް ޔޫއޭއީން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
ޔޫއޭއީއަށް ހަމަލާ ދިން ކަމުގެ ތުހުމަތު އީރާނަށް ކުރެވުނު ނަމަވެސް، އީރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އީރާނުން ބުނެފައިވަނީ އެ ގައުމުގެ ސަރަހައްދުން ޔޫއޭއީއަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ދީފައި ނުވާނެ ކަމަށާއި، އެފަދަ ވިސްނުމެއްވެސް ނެތް ކަމަށެވެ. ނަމަވެސް މި ހަމަލާތައް ދީފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހުރަސް އަޅާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް މަޝްވަރާގެ މަގު އިހުތިޔާރުކުރުމަށާއި ޑިޕްލޮމެޓިކް ހައްލުތައް ހޯދުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. މި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުންވެސް ވަނީ އިތުރުވެފައެވެ.


