Tuesday, 28 July 2026
ބޭންކް އޮފް މޯލްޑިވްސް ---- ފޮޓޯ: ބީއެމްއެލް

ބޭރު ފައިސާގެ ފިޔަވަޅުތަކުގެ ބޭނުމަކީ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ކަށަވަރުކުރުން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރު ފައިސާގެ މުއާމަލާތްތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ފަރުދުންގެ ހަގީގީ ޒާތީ ބޭނުންތަކަށާއި، އާއްމު ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ ލިބޭނެކަން ކަށަވަރުކުރުން ކަމަށް އެ ބޭންކުގެ ތަރުޖަމާނު އަދި ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބޭންކުން މި ފިޔަވަޅުތައް އަޅާފައިވަނީ މާލީ ދުޅަހެޔޮކަން ކަށަވަރުކޮށް، ބޭރު ފައިސާގެ މުއާމަލާތްތަކުގައި އެންމެ ބޭނުން ބޮޑު ދާއިރާތަކަށް އިސްކަންދިނުމުގެ މަގުސަދުގައެވެ. ނަމަވެސް މި ނިންމުންތަކާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ފާޑުވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވީ މި ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ދަރިވަރުންނާއި ކުދި ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ފައްޔާޒުގެ ވާހަކަފުޅުތަކަށް ރައްދުދެއްވައި ބީއެމްއެލްގެ ތަރުޖަމާނު ވިދާޅުވީ، ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ހާލަތުގައި ނޫނީ ބޭރުގެ އޭޓީއެމްތަކާއި ޕީއޯއެސްތަކުގައި ކާޑު ބޭނުންނުކުރެވޭ ގޮތަށް ހަމަޖެއްސީ ލިމިޓުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ކަމަށެވެ. އަދި މަދު ބަޔަކު ގިނަ އަދަދެއްގެ ޑޮލަރު ބޭނުންކޮށްގެން އޮންލައިން ވިޔަފާރި ހިންގާ މައްސަލަ ހައްލުކުރުމަށް ދުވާލެއްގެ މައްޗަށް މުއާމަލާތް ކުރެވޭނެ ވަކި އަދަދެއް ކަނޑައަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (SMEs) ޑޮލަރު ލިބޭނެ މަގު ފަސޭހަކޮށްދީފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ޓީޓީތައް ބައިބައިކޮށްގެން (Split) ލިމިޓަށްވުރެ އިތުރަށް ޑޮލަރު ހޯދަން ކުރާ މަސައްކަތްތައް ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް މިހާރު ގާއިމުކޮށްފައިވާނެ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދީފައިވާ 1،200 ޑޮލަރުގެ ލިމިޓު އެގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ. "މިހާރު ބޭރުގައި ތިބި ދަރިވަރުންގެ ތެރެއިން މައިންބަފަައިންގެ ކާޑު ބޭނުންކުރަމުންދާ ކުދިންނަށް ތިން މަސްވަންދެން އެ ކާޑުތައް ބޭނުންކުރެވޭނެ. އެ މުއްދަތުގައި އެކުދިންނަށް ސްޓޫޑެންޓު ކާޑުތައް ފޯރުކޮށްދޭނެ،" ބޭންކުން ބުނެފައިވެއެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ޕީއޯއެސް މުއާމަލާތްތައް ކުރެވޭ 1،000 ޑޮލަރުގެ ލިމިޓަށް ބަދަލެއް ނުގެންނަ ކަމަށާއި، ސިއްހީ އަދި ދަތުރުފަތުރުގެ ކަންކަމަށް ކާޑުތައް ބޭނުންކޮށްގެން 3،000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭނެ ކަމަށްވެސް ބޭންކުން ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *