Tuesday, 28 July 2026
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ ބައްދަލުވުން،-----ފޮޓޯ: މަޖިލިސް

އޭޑީއެޗްޑީއަށް ފަރުވާދޭ ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުގެ ކޮމިޓީން ރުހުން ދީފި

އެޓެންޝަން-ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ މުހިއްމު ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ރުހުން ދީފިއެވެ. މި ބޭހަކީ އޭޑީއެޗްޑީ ހުންނަ ކުދިންގެ ފަރުވާއަށް ކޮންމެހެން ބޭނުންވާ ބޭހެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ފާހަގަކުރައްވާފައެވެ.

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ "މެތަލްފެނެޑޭޓް" ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދެއްވާފައިވާ ލަފަޔާ މެދު ވަޒީރުންގެ މަޖިލީހުގައި ވަނީ މީގެ ކުރިން މަޝްވަރާކުރައްވާފައެވެ. މި ބޭހަކީ މިހާރު ރާއްޖެއަށް އެތެރެކުރުން މަނާ ބޭސްތަކުގެ ތެރޭގައި ހިމެނޭ އެއްޗަކަށް ވާތީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ހިމެނޭ މަނާތަކެތީގެ ލިސްޓުން މި ބޭސް އުނިކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

މި މައްސަލަ ދިރާސާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ އިއްތިފާޤުން ވަނީ މަނާކޮށްފައިވާ ތަކެތީގެ ލިސްޓުން އެ ބޭސް އުނިކުރުމަށް ރުހުން ދީފައެވެ. މިއީ މި ބޭސް ރާއްޖެއަށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެތެރެކުރުމަށް މަގުފަހިވެގެންދާނެ މުހިއްމު ނިންމުމެކެވެ.

މެތަލްފެނެޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓް ނުވަތަ އެންމެ ފުރަތަމަ ދެވޭ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭހެކެވެ. އޭޑީއެޗްޑީއަކީ ތުއްތުއިރު ފާހަގަކުރެވޭ ހެދިބޮޑުވުމުގެ އެންމެ އާންމު އެއް ޙާލަތެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، އެކަށީގެންވާ ބޭހާއި އެކި ތެރަޕީތަކުގެ އެހީގައި މި ޙާލަތުގެ ސަބަބުން ކުރިމަތިވާ ޢަލާމާތްތައް ވަރަށް ބޮޑަށް ކުޑަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *