ހުޅުމާލޭ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ގެއްލިގެން ހޯދަން ފުލުހުން މިއަދު އިއުލާނު ކޮށްފައިވަނީ މާލެ، ހމ. ފްލެޓްނަންބަރު 05-3-2، ޢާއިޝަތު އަލްޔާ ޢަލީ (15އ) އެވެ. އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ދިރިއުޅެނީ ހުޅުމާލެ ހިޔާ ޓަވަރު 16 ގައެވެ.
އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ 2026 މެއި 05 ވަނަ ދުވަހުގެ ހަވީރު 4:15 ހާއިރުއެވެ. އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ ކުއްޖާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.
ފުލުހުން މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނެފައިވަނީ، ގެއްލިގެން ހޯދަމުންދިޔަ އަލްޔާ މިއަދު މެންދުރުފަހު 2:50 ހާއިރު ފެނިފައިވާ ކަމަށެވެ. އަދި އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ކުއްޖާ ފެނުނު ނަމަވެސް، އޭނާ ފެނުނު ތަނަކާއި ނުވަތަ ގެއްލުނު ސަބަބާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


