ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން، ސިޔާސީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރެވޭނެ އިޖުރާއަތްތައް ބަޔާންކުރާ ބިލު އަންނަ ހަފުތާގައި މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ. މި ބިލަކީ ގާނޫނުއަސާސީއަށް ގެނައި އެންޓި-ޑިފެކްޝަން އިސްލާހުތައް ފުރިހަމައަށް ތަންފީޒު ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ގާނޫނީ އޮނިގަނޑެކެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު ވިދާޅުވީ، މި ބިލު އެކުލަވާލުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. މި ބިލު ހުށަހަޅާނީ މިހާރު އަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ ގޮތުގައެވެ.
"ސިޔާސީ ޕާޓީއަށް މި ގެނެވޭ އިސްލާހަކީ މި ފަހުން ގާނޫނުއަސާސީއަށް ގެނެވުނު އެންޓި ޑިފެކްޝަން މާއްދާގެ ދަށުން ސިޔާސީ ޕާޓީއަކަށް މަޖިލީހުގެ މެންބަރުން ވަކިކުރެވޭ އިޖުރާއަތްތައް ބަޔާންކުރަން ޖެހޭތީ އެ އިސްލާހުތައް ގެންނަން ވެގެން،" އުޝާމް ވިދާޅުވި އެވެ.
މި ބިލު ހުށަހެޅުން ލަސްވެފައިވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުންދާތީ ކަމަށް ބަންޑާރަ ނައިބު ފާހަގަކުރެއްވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިހާރު ވަނީ އެ އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށް ނިންމާފައެވެ. އެހެންކަމުން، ކޯޓުގެ ނިންމުމާ އެއްގޮތަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ދަށުން ހަތަރު ހާލަތެއްގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ: ޕާޓީއަކުން އިންތިހާބުވުމަށްފަހު އަމިއްލައަށް ވަކިވުން، އެހެން ޕާޓީއަކާ ގުޅުން، ގާނޫނުގައިވާ ގޮތުގެ މަތިން ޕާޓީން ވަކިކުރުން، އަދި އަމިއްލަ ގޮތުން އިންތިހާބުވުމަށްފަހު ޕާޓީއަކާ ގުޅުމެވެ.
މީގެ ކުރިން ބަންޑާރަ ނައިބު އޮފީހުން ސުޕްރީމް ކޯޓުގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި، ޕާޓީން ވަކިކުރާ ހާލަތުގައި މެންބަރުކަން ގެއްލޭނީ އެކަން ކުރާނެ ގޮތުގެ އިޖުރާއަތްތައް ގާނޫނެއްގައި ބަޔާންކުރުމުންނެވެ. އަންނަ ހަފުތާގައި މަޖިލީހަށް ހުށަހަޅާ ބިލަކީ އެ ހުސްކަން ފޫބެއްދުމަށް ހުށަހަޅާ ބިލެކެވެ.


