Tuesday, 28 July 2026
ރޭ ނަޝީދު ސަޕޯޓަރުންނާއެކު މަގުމަތީގައި ހިންގަވަނީ -- ފޮޓޯ: މޫކޭ

ރޭގެ "ބޮޑު ބަދަލު" ޖަލްސާއަށް ފަހު ނަޝީދު މަގުމައްޗަށް ނުކުތުމާއެކު ސަޕޯޓަރުންގެ އަޑު ގުގުމާލައިފި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ރޭގައި "ބޮޑު ބަދަލު" ގެ ނަމުގައި ފޯރިގަދަ ޖަލްސާއެއް ބާއްވައިފިއެވެ. 

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މީގެ ދެ އަހަރެއްހާ ދުވަސް ފަހުން އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ދެން އުފެދޭނީ އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއް ކަމަށެވެ. އަދި އެ ދަތުރު ޕާޓީ އެކީގައި އޮވެ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހިންގުމާ ހަވާލުވާން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށާއި، ބޭނުންފުޅުވަނީ 2028 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް އުފެދިގެން ދިއުން ކަމަށެވެ.

"…އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އެ މަސައްކަތަކީ މި ޕާޓީ ވަރަށް ރަނގަޅަށް ދަންނަ މަސައްކަތެއް. އެމްޑީޕީގެ ޗެއާޕާސަނަކަށް ހުރެ އެ މަސައްކަތް އެ ދަތުރު އަޅުގަނޑުމެން އެންމެންނަށް ކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައިގެން ވެރިކަން ބަދަލުކުރުމުގެ ތަޖުރިބާ އެމްޑީޕީއަށް އެބައޮތް ކަމަށާއި، އެކަން ދުނިޔެއަށް ކިޔައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަށް މިވަގުތު ބޭނުންވަނީ ބަދަލެއް ކަމަށާއި، އަލުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ ރައްޔިތުންގެ އެ އަޑު އިވޭތީ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިހާރު އޮތް ގާނޫނުއަސާސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ބާރުތައް ދޫކުރެވެން އޮތް އެންމެ ކުޑަ މިންވަރަކަށް ދޫކުރައްވައިގެން ލިޔުއްވާފައިވާ އެއްޗެއް ކަމަށް ސިފަކުރައްވަމުން، އޭގެ ހަމަތަކަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް އިމެއް މިނެއް ނެތް މިންވަރަށް ބާރުތައް އެބަހުރި ކަމަށާއި، އޭގެ ބޭނުން ނާޖައިޒު ގޮތުގައި ހިފަމުންދާ ކަމަށެވެ. އެހެންކަމުން ވެރިކަން ހިންގާ ނިޒާމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވާ ގޮތަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ހުށަހެޅުއްވިއެވެ.

ރޭ އެމްޑީޕީ ޖަގަހައިގައި ބޭއްވި މި ޖަލްސާއަކީ ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބަށް އަމާޒުކޮށްގެން ބޭއްވި ފޯރިގަދަ ހަރަކާތެކެވެ. މި ޖަލްސާއަށް ފަހު ނަޝީދު ސަޕޯޓަރުންނާއެކު މަގުމައްޗަށް ނުކުތުމުން ސަޕޯޓަރުން ވަނީ ނަޝީދަށް ތާއީދުކޮށް އަޑު ގުގުމާލާފައެވެ. އަދި ސަޕޯޓަރުންނާއެކު ނަޝީދު ވަނީ މަގުތަކުގައި ހިންގަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *