Tuesday, 28 July 2026
ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ތިލަމާލެ ބްރިޖްގެ މަސައްކަތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ރާއްޖެ24

2027 ވަނަ އަހަރުގެ ނިޔަލަށް ތިލަފުއްޓާއި ހަމައަށް ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ: ވަޒީރު މުއްތަލިބު

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، 2027 ވަނަ އަހަރުގެ ނިޔަލަށް ތިލަފުއްޓާއި ހަމައަށް ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާ އާންމުންނަށް ހުޅުވާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށް ވަޒީރު މުއްތަލިބު ވަނީ ބްރިޖުގެ މަސައްކަތް ކުރާ ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތަށްފަހު ވަޒީރު ވަނީ ބްރިޖުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަން ފާހަގަކުރައްވާ، ދެން ކުރަން ހުރި މަސައްކަތްތައް ވެސް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މި މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

އަދި ވަޒީރު މުއްތަލިބު ވަނީ މަޝްރޫޢުގެ ކޮންޓްރެކްޓަރަށް އެއްބާރުލުންދީ، އިންޑިއާ ސަރުކާރުގެ އެހީގައި ބްރިޖުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.

ޖުމްލަ %72.17 މަސައްކަތް އެއްކޮށް މިހާރު ނިމިފައިވާ މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ، ބްރިޖު ޑެކަށް ބޭނުންވާ ސެގްމަންޓުތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *