Tuesday, 28 July 2026

ގޮންޖެހުންތަކާއެކުވެސް ސަރުކާރުން ސާބިތުކޮށްދިނީ ވިލުންތެރިކަމާއި ދުރުވިސްނުން: ވަޒީރު ސައީދު

ފާއިތުވި ދެ އަހަރު ރާއްޖެއަށް ކުރިމަތިލާންޖެހުނު ތަފާތު ގޮންޖެހުންތަކާއެކުވެސް ދިވެހި ސަރުކާރުގެ ވިލުންތެރިކަމާއި ދުރުވިސްނުން ސާބިތުކޮށްދީފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސްރީލަންކާގައި މިއަދު ކުރިއަށްދާ އިންވެސްޓުމެންޓު ފޯރަމު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ސަރުކާރުން އިސްކަންދޭ ކަންކަން ވަރަށް ސާފު ކަމަށާއި، އޭގެ ތެރޭގައި މާލީ ރަނގަޅު ސުލޫކު އިއާދަކުރުމާއި، ވާރުތަވި ދަރަނި ޒިންމާދާރުކަމާއެކު މެނޭޖުކުރުމާއި، ދިރިއުޅުމުގެ އަގުތައް އިސްތިގުރާރުވާނެ ގޮތަކަށް ހިފަހެއްޓުން ހިމެނޭ ކަމަށެވެ. މި އަމާޒުތައް ހާސިލުކުރުމަށް މަސައްކަތްކުރަންޖެހުނީ ދުނިޔޭގެ އިގުތިސާދީ ނުތަނަވަސްކަމާއި، ސަޕްލައި ޗެއިންތަކަށް ބުރޫއެރުމާއި، ބައިނަލްއަގުވާމީ އިންފުލޭޝަން މަތިވުން ފަދަ ގިނަ ގޮންޖެހުންތަކެއްގެ ތެރޭގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިފިއްތުންތަކާއެކުވެސް ފާއިތުވި ދެ އަހަރުން ފެނިގެންދަނީ ދުރުވިސްނުމާއި، ވިލުންތެރިކަން. ހިފަހެއްޓުންތެރި މާލީ ސިޔާސަތުތަކާއި އެކަށީގެންވާ ވަގުތުގައި މުނާސަބު ނިންމެވުންތައް ނިންމަވައިގެން ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުންވަނީ މެކްރޯއިކޮނޮމިކް އިތުބާރު ހަރުދަނާކޮށްދީފައި،" މިނިސްޓަރ ސައީފު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްް ހުޅުވުންފަދަ މުހިއްމު އުމްރާނީ މަޝްރޫއުތައް ނިންމުމަށް މަގުފަހިވިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީއަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، މިހާރު ރާއްޖޭގައި 4 ބައިނަލްއަގުވާމީ އެއާޕޯޓާއި 24 ޑޮމެސްޓިކް އެއާޕޯޓު ހިންގަމުންދާ ކަމަށެވެ. މިއީ ވަށާޖެހޭ ތަސައްވުރެއްގެ ތެރެއިން ހާސިލުކުރެވުނު ކާމިޔާބެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ އިގުތިސާދު ސިންދަފާތުކޮށް މުސްތަގުބަލަށް ތައްޔާރުވެފައިވާ ގައުމަކަށް ރާއްޖެ ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ.

އިގުތިސާދީ ދާއިރާއިން ކުރެވެމުންދާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއި، އެސްއީޒެޑް ގާނޫނު ތަންފީޒުކުރުމާއި، އެއް ބިލިއަން ޑޮލަރުގެ އައިލާ ޓައުންޝިޕް މަޝްރޫއު ފެށުން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ބިން ހިއްކުމާއި އާބަން ތަރައްގީގެ މަޝްރޫއުތައް ތާރީހީ ދުވެއްޔެއްގައި ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައީސް ޑރ. މުއިއްޒުގެ ތަސައްވުރަކީ ޑިޖިޓަލައިޒޭޝަން، މަސްވެރިކަން، ލޮޖިސްޓިކްސް އަދި މާލީ ހިދުމަތްތައް ފަދަ ދާއިރާތައް ތަރައްގީކޮށް، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ އިތުރުން ރައުސުލްމާލާއި ފުރުސަތުތައް ގުޅުވައިދޭ މަރުކަޒަކަށް ހެއްދެވުން ކަމަށް ވިދާޅުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *