ހަކަތަ އިގްތިސާދު ކުރުމަށް ބާރުއެޅުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ގައުމީ ކެމްޕޭން "އިޓްސް ކޫލް އެޓް 25″ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ހަކަތަ ބޭނުންކުރުމުގައި ހެޔޮ ގޮތްތައް އިޚްތިޔާރުކުރުމާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރުކުރުމެވެ.
މި ކެމްޕޭން އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ރާއްޖެއަކީ ތެލަށް ބަރޯސާވާ ގައުމަކަށް ވުމުން، ހަކަތަ އުފެއްދުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ތެޔޮ އެތެރެކުރުމަށް ގައުމީ އުފެއްދުންތެރިކަމުގެ 10 އިންސައްތަ ހޭދަކުރަން ޖެހުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވިޔަފާރިވެރިން ޒަމާނީ ވަސީލަތްތަކަށް އިންވެސްޓްކުރުމަށާއި ހަކަތަ ބޭނުންކުރުމުގައި ޒިންމާދާރުވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ "ހަކަތަ އިސްރާފުކުރުން މަދުކުރުން ހަމައެކަނި މުހިންމީއަކީ ނޫން؛ އެއީ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމަށާއި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ކޮންމެހެން ކުރަން މަޖުބޫރުވެފައިވާ ކަމެއް" ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ސީދާގޮތުން ކުރާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ދަރިވަރުންގެ ކިބައިގައި އިގްތިސާދުކުރުމުގެ އާދަ ހަރުލެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ސްކޫލްތައް އޭސީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކަރަންޓު ޚަރަދު ކުޑަކުރުމާއި މެއިންޓެނެންސް ކަންކަމަށް ސަމާލުވުމަށް ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ވަޒީރު އިރުޝާދު ދެއްވިއެވެ. އަދި ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންގެ ކިބައިގައި ރިވެތި އާދަތަކާއި އިޤްތިޞާދުކުރުން ފަދަ ސިފަތައް އަށަގަންނުވަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ކެމްޕޭނުގެ ދަށުން ގޭބިސީތަކާއި ވިޔަފާރިތަކުގައި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ހިތްވަރުދީ، ތިމާވެއްޓާ ރައްޓެހި ޓެކްނޯލޮޖީއަށް އާންމުން އަހުލުވެރިކުރާނެއެވެ. މީގެ އިތުރުން، ކަރަންޓު ސާމާނު ގަންނައިރު ކަރަންޓު މަދުން ބޭނުންކުރާ ތަކެތި ދެނެގަތުމަށް އެހީތެރިވެދޭ "ހަކަތަރި" ޕްރޮގްރާމުގެ މައުލޫމާތު ފޯރުކޮށްދިނުންވެސް މި ކެމްޕޭނުގައި ހިމެނެއެވެ.


