ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރު (ކޮލަމްބޯގެ ނެޝަނަލް މިއުޒިއަމް) އަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތަކީ ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދާރުލްއާސާރަށް ވަޑައިގަތުމުން އެތަނުގެ އިސްވެރިން ވަނީ އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ޒިޔާރަތުގައި ދާރުލްއާސާރުގެ އެކި ގެލެރީތައް ބައްލަވާލައްވައި، ސްރީލަންކާގެ މުއްސަނދި ތާރީޚާއި، ސަގާފީ ތަރިކަ އަދި އާދަކާދަތައް ދައްކުވައިދޭ ތަކެއްޗާ ބެހޭ މަޢުލޫމާތު އެމަނިކުފާނުގެ ދެކަނބަލުން ވަނީ އޮޅުންފިލުއްވާފައެވެ.
ދާރުލްއާސާރަށް ކުރެއްވި ޒިޔާރަތުގައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސޮއިކުރައްވާފައެވެ. އެމަނިކުފާނު ލިޔުއްވި ބަޔާނުގައި، އަންނަން އޮތް ޖީލުތަކަށްޓަކައި ޤައުމުގެ ތަރިކަ ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތާރީޚު ދައްކުވައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވައި، އެކަމުގެ އަގުވަޒަންކުރެއްވިއެވެ.
މިފަދަ ސަގާފީ ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުންތައް އާލާކޮށް ހަރުދަނާކުރުމެވެ.


