Tuesday, 28 July 2026
ދިވެހި ޕާސްޕޯޓާއި އައިޑީކާޑް ގެ ހިދުމަތް ރަސްމީކޮށް ލަންކާގައި ފެށުން... ފޮޓޯ ؛ ރައީސް އޮފީސް

ސްރީލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި

ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ރަސްމީކޮށް ފަށްޓަވައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ވަޑައިގެންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ހައިކޮމިޝަންގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

ސްރީލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް އެ ޤައުމުން ދޫކުރި ފުރަތަމަ ޕާސްޕޯޓް ހަވާލުކޮށްދެއްވާފައެވެ. މިއީ ރާއްޖެއިން ބޭރުގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށި ދެވަނަ ޤައުމެވެ. މީގެ ކުރިން މި ޚިދުމަތް ފަށާފައިވަނީ މެލޭޝިއާގައެވެ.

ސްރީލަންކާއަކީ ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމަކަށް ވާއިރު، މި ޚިދުމަތްތަކާއެކު ލަންކާގައި ތިބެގެން ފަސޭހަކަމާއެކު ޕާސްޕޯޓާއި އައިޑީ ކާޑު ލިބޭނެ އިންތިޒާމް މިވަނީ ހަމަޖެހިފައެވެ. ދިވެހިން އާންމުކޮށް ގޮސް އުޅޭ އެހެން ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު ވަނީ މި ޚިދުމަތްތައް ޤާއިމްކޮށްފައެވެ.

ހައިކޮމިޝަނަށް ކުރެއްވި ޒިޔާރަތުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގައި ހުންނަ ދިވެހި މަރުކަޒު، ސޯސަންވިލާއަށާއި ސްރީލަންކާގެ ނެޝަނަލް މިއުޒިއަމްއަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *