Tuesday, 27 October 2026
ޖަލުގައި ގައިދީންތަކެއް ގަސްހެއްދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ކަރެކްޝަނަލް ސާވިސް

ޖަލުގައި ނުކިޔަމަންތެރިވާ ގައިދީން ގަދަހޫނުގައި ބިޑިއަޅުވާފައި ބައިތިއްބާ މައްސަލައެއް ފެންމަތިވެއްޖެ!

ޖަލު އޮފިސަރުންގެ އަމުރުތަކަށް ނުކިޔަމަންތެރިވާ ގައިދީންނާ މެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ގޮތުން، އެ މީހުންގެ އަތާއި ފައިގައި ބިޑިއަޅުވައި، ވަރަށް ބޮޑަށް ހޫނުވާ ސަރަހައްދުތަކުގައި އެކަހެރިކޮށް ބައިތިއްބާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ފެންމަތިކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން ނެރުނު ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ އަހަރީ ރިޕޯޓުގައެވެ.

އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފުލުހުންގެ ބަންދު މަރުކަޒު، ދޫނިދޫގައި ނުކިޔަމަންތެރިވާ ގައިދީން ގޮޅިން ބޭރުގައި އެކަހެރިކޮށް ބައިތިއްބާއިރު، އެއީ މެންދުރު ވަގުތު އިންތިހާއަށް ހޫނުވާ ތަނެކެވެ. ބައެއް ހާލަތްތަކުގައި ގައިދީންގެ އަތާއި ފައިގައި ކްލިޕް ބިޑި އަޅުވައި ކުނަލެއްގެ މަތީގައި ގިނަ ވަގުތުތަކެއް ވަންދެން ބާއްވާކަން ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

މިގޮތަށް ގައިދީން ބައިތިއްބާއިރު ނަމާދު ކުރުމަށާއި ފާހަނާ ކުރުމުގެ ފުރުސަތު ދޭ ކަމަށް ޖަލު އޮފިސަރުން ބުނި ނަމަވެސް، އެކަންކަން ރަސްމީ ލޮގްތަކުގައި ރެކޯޑު ކުރެވިފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ ގައިދީންނާ މެދު އަމަލުކުރުމުގައި ހުރި ނިޒާމީ ބޮޑެތި ކަންބޮޑުވުންތަކެއްގެ ގޮތުގައި އެޗްއާރްސީއެމުން ސިފަކުރެއެވެ.

ޖަލުތަކުގެ ހާލަތު ބެލުމަށްފަހު އެޗްއާރްސީއެމުން ވަނީ އިތުރު ބައެއް މައްސަލަތައް ވެސް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ރިމާންޑް ބަންދުގައި ތިބޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމާއި، ސިއްހީ ފަރުވާ ލިބުމުގައި ހުރި ލަސްތަކާއި، މުވައްޒަފުންގެ ދަތިކަން ހިމެނެއެވެ.

މީގެ އިތުރުން، މުހިންމު އުސޫލުތަކާއި އެސްއޯޕީތައް އެކުލަވާލާފައި ނެތުމާއި، ދައުލަތުގެ އިދާރާތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ބޭނުންވާ އެކަށީގެންވާ މަރުކަޒުތައް ގާއިމްކޮށްފައި ނެތުމަކީ ވެސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރި ކަންކަމެވެ. ބައިނަލްއަގްވާމީ އެންޓި-ޓޯޗާ މުއާހަދާގެ ދަށުން އެޗްއާރްސީއެމުން އަންނަނީ ކޮންމެ އަހަރަކު ޖަލުތަކުގެ ހާލަތު ބަލައި އިސްލާހު ކުރަންޖެހޭ ކަންކަން ސަރުކާރަށް ހުށަހަޅަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *