ސިޔާސީ ޕާޓީތަކުން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަމަށް ތުހުމަތުކޮށް، އެފަދަ އަމަލުތައް ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލާ ގަރާރެއް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަަދެވެ. ގަރާރު ހުށަހަޅުއްވަމުން ސައްތާރު ވިދާޅުވީ، ގާނޫނާ ހިލާފަށް ހިންގާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަން އަމާންކަން ގެއްލެމުންދާ ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މި ގަރާރު ހުށަހެޅިފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދާފައިވާ ޕީއެންއެފްގެ ސަޕޯޓަރުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ސިލްސިލާކޮށް އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޕީއެންސީގެ ޖަގަހަ ހުންނަ އެ ސަރަހައްދުގައި ޕީއެންއެފްގެ ސަޕޯޓަރުން އަޑުގަދަކޮށް، އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއަޅާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ޕީއެންއެފުން ގާނޫނީ އިމުގެ ބޭރުން ހަރަކާތްތައް ހިންގާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. ސައްތާރު ވިދާޅުވި ގޮތުގައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، އެއީ އަނެކުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކުރެވޭނެ ކަމެއް ނޫނެވެ.
މި ގަރާރަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ޕީއެންސީގެ މެންބަރުން މިފަދަ ގަރާރެއް ހުށަހެޅުމުން އެކަމަށް ފާޑުވިދާޅުވެފައެވެ. މީކާއީލް ފާހަގަކުރެއްވި ގޮތުގައި، މީގެ ދެތިން އަހަރު ކުރިން މަގުމަތީގައި އެކި ގައުމުތަކުގެ ވެރިންގެ އަބުރަށް އަރައިގަނެ، އިހުތިޖާޖުތައް ހިންގުމުގައި އިސްކޮށް އުޅުނީ މިހާރުގެ ސަރުކާރު ކޯލިޝަންގެ މެންބަރުންނެވެ.
މި ގަރާރުގެ މަގްސަދަކީ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ގާނޫނީ އިމުގެ ތެރޭގައި ހުރިހާ ފަރާތްތަކަކުން ވެސް އަމަލުކުރުން ކަށަވަރުކުރުން ކަމަށް ސަރުކާރު ހިންގާ ޕާޓީން ބުނެއެވެ.


