Tuesday, 28 July 2026
ފުލުހުން އަދަދު ނޫސްބަލައިފާސްކުރުން---ފޮޓޯ:އަދަދު

"އަދަދު" ނޫހުން ގެންދިޔަ ތަކެތީގެ ޕާސްކޯޑު ދޭން ކޯޓުން އަމުރުކޮށްފި

"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގަށް، އެ ނޫހުގެ އޮފީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ލެޕްޓޮޕްތަކާއި ހާޑްޑްރައިވްތަކުގެ ޕާސްކޯޑު ދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުން ނެރުނު މި އަމުރުގައިވާ ގޮތުން، ފުލުހުން ހިފަހައްޓާފައިވާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ޕާސްކޯޑުތަކުގެ އިތުރުން، ކްލައުޑްގައި ރައްކާކޮށްފައިވާ މައުލޫމާތުތައް ވެސް ފުލުހުންނަށް ފޯރުކޮށްދޭން ޖެހެއެވެ. މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ނޫހުގެ އޮފީސް ބަލައި ފާސްކުރުމަށްފަހުގައެވެ.

މި މައްސަލައިގައި "އަދަދު" ނޫހުގެ ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ، ޕާސްކޯޑުތައް ހިއްސާކޮށްފިނަމަ ނޫހަށް މައުލޫމާތުދޭ މަސްދަރުތައް ހާމަވުމުގެ ބިރު އެބައޮތް ކަމަށެވެ. "ޕާސްކޯޑުތައް ދީފިކަމަށްވަންޏާ، މަސްދަރުތައް އެބަ ހާމަވޭ. އެހެންވީމަ މަސްދަރުތައް ހާމަވެދާނެތީ، މައުލޫމާތު ދީފައިވާ އެހެން ފަރާތްތަކުގެ މައުލޫމާތު އެނގިދާނެތީ ޕާސްކޯޑު ދޭން ބޭނުން ނުވަނީ،" ވަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން، ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް އެއްވެސް މީހެއްގެ މައްޗަށް ގަޒްފުކޮށްފައި ނުވާނެ ކަމަށާއި، މި މައްސަލައަކީ ވަކި ބައެއްގެ ނުފޫޒުން ހިންގާ ތަހުގީގެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ. ގާނޫނު އަސާސީން ލިބިދޭ މަސްދަރު ހާމަނުކުރުމުގެ ހައްގުގެ ދަށުން، އެ މައުލޫމާތު ހާމަނުކުރާނެ ކަމަށް ނޫހުގެ ފަރާތުން ވަނީ ބުނެފައެވެ.

މި ތަހުގީގާ ގުޅިގެން ފިޔާޒްގެ އިތުރުން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ނަމަވެސް ދެ ބޭފުޅުން ވެސް ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކުރައްވާފައެވެ. އަދި މި މައްސަލައިގައި ހިމެނޭ އައިޝަތު އީޝާ ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާއިރު، މި ތިން މީހުން ވެސް ފުރުން މަނާކޮށް ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *