Tuesday, 28 July 2026
އިލެކްޝަން ކޮމިޝަންގެ މެމްބަރުން -- ފޮޓޯ: އީސީ

ޕީއެންއެފްގެ ހަރަކާތްތަކުގައި ގާނޫނާ ހިލާފު އަމަލުތަކެއް ތަކުރާރުވާތީ ފިޔަވަޅު އަޅަނީ

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކާއި ހަރަކާތްތަކުގައި ގާނޫނާ ހިލާފު އަމަލުތަކެއް ތަކުރާރުވަމުންދާ ކަމަށް ބުނެ، އެކަންކަން އިސްލާހު ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ޅ) އާ ހިލާފަށް، އެހެން ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ހަރަކާތްތައް ހިންގުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ. އަދި ހުރިހާ ޕާޓީތަކަކުން ވެސް ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ބޯލަނބަންޖެހޭނެ ކަމަށް އެ ކޮމިޝަނުން ހަނދާންކޮށްދީފައިވެއެވެ.

ޕީއެންއެފްގެ ހަރަކާތްތަކުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެކަންކަން އިސްލާހުކުރުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށް އީސީން ބުނެއެވެ. ނަމަވެސް އެފަދަ އަމަލުތައް އަދިވެސް ތަކުރާރުވަމުންދާ ކަމަށާއި، މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ހާޒިރުވުމަށް ދިން ދައުވަތަށް ޕީއެންއެފް އިން އުޒުރުވެރިވެފައިވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެއް ޕާޓީއަކުން ބާއްވާ ބައްދަލުވުމަކަށް އަނެއް ޕާޓީއަކުން ހުރަސްއެޅުމާއި، އެއް ވަގުތެއްގައި އެއް ތަނެއްގައި ވާދަވެރި ހަރަކާތްތައް ހިންގުމަކީ ސިޔާސީ ޕާޓީގެ ގަވައިދާ ހިލާފު ކަމެއްކަން ފާހަގަކޮށް، އީސީން ވަނީ މިފަދަ އަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *