އެހެން ރަށްރަށުން ކ. ތުލުސްދޫއަށް މީހުން ބަދަލުކުރުމަށް ހަމަޖެހިފައިވާތީ، އެ ރަށުން އިތުރަށް ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު މުއްތަލިބް ވިދާޅުވި ގޮތުގައި، ކ. ތުލުސްދޫއަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ވ. ރަކީދޫ އަދި މ. ރަތްމަންދޫގެ ރައްޔިތުންނެވެ. މިގޮތަށް މީހުން ބަދަލުކުރުމާ ގުޅިގެން އެ ރަށުން އިތުރު ގޯތި ބޭނުންވާތީ، 30 ހެކްޓަރުގެ ބިން ހިއްކުމަށް މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް، މި މަސައްކަތް އަމަލީ ގޮތުން ފަށާނެ ވަކި ތާރީހެއް ވަޒީރު ހާމައެއް ނުކުރައްވައެވެ.
ރަތްމަންދޫ އަދި ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ނިންމުމާ ގުޅިގެން، އެ ރަށްރަށުގެ ރައްޔިތުން ވަނީ ތުލުސްދޫއަށް ބަދަލުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިފައެވެ. މިކަމާ ގުޅިގެން ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ރަތްމަންދޫ ރައްޔިތުން ބަދަލުވާ ރަށެއްގައި ގެ އަޅަން ފަށާތާ އަހަރެއްގެ ތެރޭގައި އެންމެން ބަދަލުކޮށް ނިންމަވާނެ ކަމަށެވެ.
މީގެ އިތުރުން، އެހެން ރަށަކަށް ބަދަލުކުރާ ރައްޔިތުންނަށް ތިން ކޮޓަރީގެ ގެއެއް އަޅައިދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މި މަޝްރޫއަކީ އެކަށީގެންވާ އާބާދީއެއް ނެތް ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.


