Tuesday, 28 July 2026
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ދަތުރަކީ ރާއްޖެއާއި ލަންކާގެ ގުޅުމުގެ އައު އަދި ހަލުވި ބާބެއްގެ ފެށުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސްރީލަންަކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު މިއަދު ހެނދުނު ކޮލަމްބޯގައި ނޫސްބަޔާނެއް އިއްވަވައިފިއެވެ. މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދަށް ސްރީލަންކާއިން ވިދާޅުވި ހޫނު މަރުޙަބާއާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ވަރުގަދަކޮށް، މުސްތަޤުބަލަށް އަމާޒު ހިފާފައިވާ "އައު ބަދަހި ގުޅުމެއްގެ ފެށުން" ކަމުގައެވެ. ރައީސް ޑިސަނާޔަކެއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދޭދޭ ގުޅުމުގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ސޮއިކުރެވުނު ފަހުމުނާމާތަކާއި އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވަމުން، އެ ކަންކަން ވީހާވެސް އަވަހަށް ތަންފީޛުކޮށް ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދިނުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ރައްޔިތުންގެ ދައުރާއި، ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހިއްސާވެސް އެމަނިކުފާނު ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ކުރިއަށް އޮތް "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" އަކީ ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވައިދޭނެ މުހިންމު މަންސައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތަޢުލީމާއި، ޒުވާނުން ބާރުވެރިކުރުވުމާއި، މަސްވެރިކަމުގެ ދާއިރާއިން އިތުރަށް އެއްބާރުލުން ދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ޤައުމަށްވެސް އޮތް ބޮޑު ނުރައްކަލެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަމަށް ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމާއި، ތިމާވެށީގެ ރޮނގުން ގުޅިގެން މަސައްކަތްކޮށް މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގެ ޢަޒުމް އެމަނިކުފާނު އައުކުރެއްވިއެވެ.

ނޫސްބަޔާން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއްގެ ފެށުން ކަމަށާއި، މީގެ ސަބަބުން ސަރަޙައްދީ އެއްބާރުލުން ކުރިއެރުވުމަށާއި އިންޑިއާ ކަނޑުގެ ސުލްޙަ މަސަލަސްކަމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *