Tuesday, 28 July 2026
ފޮޓޯ: މޯލްޑިވިއަން

ފްލައިޓުތަކުގައި ފަސިންޖަރުންނަށް އަލްކޮހޯލް ހިދުމަތް ދޭން ފަށަން އުޅޭ ކަމަށް ބުނެ ދައުރުވަމުންދާ މައުލޫމާތަކީ ދޮގެއް: މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލައިޓުތަކުގައި ފަސިންޖަރުންނަށް އަލްކޮހޯލް ނުވަތަ ރަލުގެ ހިދުމަތް ދޭން ފަށަން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ މައުލޫމާތަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ ހިދުމަތްތަކާ ގުޅޭގޮތުން ފެތުރެމުންދާ ހަބަރުތަކާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި މޯލްޑިވިއަން އިން ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ސައްހަކަން ކަށަވަރުނުކުރެވޭ މިފަދަ މައުލޫމާތުތައް ހިއްސާ ނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ. މިފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ކުންފުނީގެ އަގު ހިފެހެއްޓުމަށާއި އާންމުންގެ އިތުބާރު ދެމެހެއްޓުމަށް އޮތް ހުރަހެއް ކަމަށް އެ ކުންފުންޏުން ފާހަގަކުރެއެވެ.

މޯލްޑިވިއަން އިން އިތުރަށް ބުނެފައިވަނީ، ކުންފުންޏާ ގުޅުވައިގެން މިފަދަ ދޮގު ހަބަރު ފެތުރުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ރުޅިވެރިކަން އުފެދި، ކުންފުންޏަށް ކުރަމުން އަންނަ އިތުބާރު ކުޑަވެގެންދާ ކަމަށެވެ. އަދި މިފަދަ ހަގީގަތާ ހިލާފު ވާހަކަތަކަކީ މުޖުތަމައުގެ އަމާންކަމާއި މަސްލަހަތު ގެއްލި، ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށްވެސް އެ ކުންފުންޏުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *