Tuesday, 28 July 2026

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ލަންކާގެ ރައީސް އޮފީހުގައެވެ.

މި އެމްއޯޔޫތަކުގައި ސޮއިކުރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު އަދި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ދެ ގައުމުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. ލަންކާ އާއި ރާއްޖެއާ ދެމެދުގައި އެކި ދައިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުންވެސް ވަނީ ކުރިން ރުހުން ދީފައެވެ.

ސޮއިކުރެވުނު އެމްއޯޔޫތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ އާއި، އާކައިިވިން ކޯޕަރޭޝަންގެ އިތުރުން ކުޅިވަރާއި ޒުވާނުންގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. މީގެ އިތުރުން ތައުލީމީ ދާއިރާއިން ޓީޗަރުންނާއި ސްކޫލް ލީޑަރުން ތަމްރީން ކުރުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓްގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ދެ ގައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިން އޮންނަ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ޑިފެންސް އެޑިއުކޭޝަން، ޓެރެއިނިން އެންޑް ރީސާޗް ކޯޕަރޭޝަން އަދި އެކަޑަމިކް ކޯޕަރޭޝަންގެ ދާއިރާއިން ވެސް މިއަދު ވަނީ އެމްއޯޔޫތަކުގައި ސޮއިކޮށްފައެވެ. މިއީ ދެ ގައުމުގެ ސަލާމަތާއި ތައުލީމީ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު ހެނދުނު ރައީސްގެ ދެކަނބަލުންނަށް ލަންކާގެ ރައީސް އޮފީހުގައި ވަނީ ރަސްމީކޮށް މަރުހަބާ ދަންނަވައިފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަށް 21 ބަޑީގެ ސަލާމެއް އަރުވައި، ރަސްމީ ކުރުނީހެއް އެރުވުމަށްފަހު ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވެއެވެ. އަދި ދެ ގައުމުގެ އިސް ބޭފުޅުން ވަނީ އެކަކު އަނެކަކަށް ތައާރަފްވެވަޑައިގެންފައެވެ.

ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ދަތުރުފުޅުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *