ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ. ލަންކާގެ ރައީސް އޮފީހުގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އެވެ.
މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ލަންކާގެ ރައީސްގެ ދައުވަތަކަށް އެމަނިކުފާނު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅު ކުރިއަށްދާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.
ދަތުރުފުޅުގެ ތެރެއިން ލަންކާގެ ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް މިނިސްޓަރު ވިޖިތަ ހޭރަތު ވަނީ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގައި ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމުގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރެވޭނެ އާ ދާއިރާތަކާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާނެއެވެ.


