މިއަހަރުގެ ޙައްޖު މޫސުމަށް ސައުދީ އަރަބިއްޔާގެ މައްކާގައި ޤާއިމުކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސް ހަމަޖައްސަވައިފިއެވެ. މިއީ ޙައްޖުގެ އެންމެހާ އިންތިޒާމްތައް ވިލަރެސްކޮށް ބެލެހެއްޓުމަށް ކޮންމެ އަހަރުވެސް ކަނޑައަޅާ ޙައްޖު މިޝަންގެ ދަށުން ހިންގާ އޮފީހެކެވެ.
ޙައްޖުގެ ކަންކަމުގައި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އެންމެ އިސް ދައުރެއް އަދާކުރާނީ ޙައްޖު މިޝަންގެ ފަރާތުންނެވެ. މިއަހަރުގެ ޙައްޖު މިޝަންގައި ޖުމްލަ 10 މެންބަރުން ހިމެނިވަޑައިގަންނަވާއިރު، މި ޓީމު މާދަމާ ސައުދީއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.
މިޝަންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޙައްޖުވެރިން ސައުދީއަށް ދަތުރުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުމެވެ. މީގެ ތެރޭގައި މައްކާގެ ހޮޓާ، މަޝާއިރުތަކުގެ އިންތިޒާމް، ދަތުރުފަތުރު، ކެއިންބުއިން އަދި ސިއްޙީ އެންމެހާ ތައްޔާރީތައް ސައުދީ ޙައްޖު މިނިސްޓްރީގެ މިންގަނޑުތަކަށް ފެތޭތޯ ބެލުން ހިމެނެއެވެ.
މައްކާ ޙައްޖު އޮފީހުގެ ވެރިޔަކަށް ޝައިޚް އިމްތިޠާއު ހަމަޖައްސަވާފައިވާއިރު، ރާއްޖޭގެ ފަރާތުން އަމީރުލް ޙައްޖުގެ ގޮތުގައި މިއަހަރު ޙައްޖުގައި ބައިވެރިވެވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިން އެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މިއަހަރުގެ ޙައްޖުގެ އިންތިޒާމްތައް ސައުދީގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީގެ ތާވަލާ އެއްގޮތަށް ބާރުސްޕީޑުގައި ދަނީ ކުރިއަށް ގެންދަމުންނެވެ. ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.


