Tuesday, 28 July 2026
ފޮޓޯ: ސަން

މާލޭގައި އަހަރަކަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ މީހުންނަށްވެސް ގެދޮރުވެރިކަމަށް ފޯމު ލެވޭ ގޮތް ހަދައިފި

މާލޭގައި އެއް އަހަރަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ މީހުންނަށް ވެސް ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލެވޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ. މި ބަދަލާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން މިއަދު ވަނީ އިތުރު ތަފްސީލު ހާމަކޮށްފައެވެ.

ހައުސިން މިނިސްޓްރީން ބުނީ މާލޭގައި އެއް އަހަރަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ މީހުންގެ ތެރެއިން، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންގެ ކެޓަގަރީއަށް ޝަރުތު ފުރިހަމަވާނަމަ މިހާރު އެޕްލައިކުރެވޭނެ ކަމަށެވެ. މިއީ މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެމުންދާ ފަރާތްތަކަށް ލިބިގެންދާ ބޮޑު ލުޔެކެވެ.

މި ބަދަލާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ބައެއް މުހިންމު ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ. އެގޮތުން "މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއް" ކަން އެނގޭނެ ލިޔެކިޔުމުގެ އިތުރުން، މާލޭގައި ރަށްވެހިވި ތާރީހް އަންގައިދޭ ރަސްމީ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ބިން ދޫކުރުމުގެ ސްކީމުގައި ގްރޭޓަރ މާލޭ ސަރަޙައްދުންނާއި ރަސްމާލެއިން 1250 އަކަފޫޓުގެ 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފްލެޓު ދޫކުރުމުގެ ސްކީމުގެ ދަށުން ގްރޭޓަރ މާލޭ ސަރަޙައްދުން 7،900 ފްލެޓު ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި ބަދަލަކީ މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ފުރުސަތު ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *