ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހަވީރު އެ ޤައުމަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއާޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ބޮޑުވަޒީރު ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާއެވެ.
އެއާޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އެމަނިކުފާނު ވަނީ ރަސްމީ މެހުމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ.
މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މި މަޝްވަރާތަކުގެ ތެރޭގައި ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަޤުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތް ކުރެވޭނެ އައު މަގުތައް ހޯދުން ހިމެނެއެވެ. މީގެއިތުރުން، ދެ ޤައުމުގެ ރައީސުންގެ ހާޒިރުގައި ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" ގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުން އިސްކަންދޭ އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. އެއީ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރީ 1965 ޖުލައި 26 ގައެވެ.


