Tuesday, 28 July 2026
އެމްޖޭއޭ އިން ކުރި އިހުތިޖާޖުގެ ތެރެއިން---ފޮޓޯ:އެމްވީ ޕްލަސް އެފްބީ

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު އެމްޖޭއޭ އިން ރައީސް އޮފީސް ކުރިމަތީގައި ހިމޭން އިހުތިޖާޖެއް ކޮށްފި

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ރާއްޖޭގެ ނޫސްވެރިކަމަށް އޮތް ނުރައްކާ ހާމަކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީގައި ހިމޭން އިހުތިޖާޖެއް ބާއްވައިފިއެވެ. މި އިހުތިޖާޖުގައި ނޫސްވެރިކަމުގެ މިނިވަންކަން މަރުވެފައިވާކަން ރަމްޒުކޮށްދިނުމަށް ސަންދޯކެއް ބޭނުންކޮށްފައިވާއިރު، ފުލުހުން ވަނީ އިހުތިޖާޖުގެ ތެރެއިން އެ ސަންދޯއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން ނެރުނު 2026 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ ހަތަރު ދަރަޖަ ފަހަތަށް ސައިދަގަވެ، 108 ވަނައަށް ވެއްޓިފައެވެ. ރާއްޖޭގެ ސްކޯ ވެސް ވަނީ 52.46 އިން 49.23 އަށް ދަށްވެފައެވެ. އާރްއެސްއެފް އިން ބުނި ގޮތުގައި މި ދަށްވުމުގެ ސަބަބަކީ މިނިވަން މީޑިއާތަކަށް ކުރިމަތިވަމުންދާ ފިއްތުންތަކާއި، އަލަށް އަމަލުކުރަން ފެށި މީޑިއާ ގާނޫނުތަކާއި، ނޫސްވެރިންނާ މެދު ފުލުހުން ހިންގާ އަމަލުތަކެވެ.

ނޫސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ބޭއްވި މަޖިލީހުގެ ހާއްސަ ދައުރެއްގައި، މީޑިއާގެ ދާއިރާގެ ބޭފުޅުންގެ މަޝްވަރާއެއް ނެތި ފާސްކުރި މީޑިއާ ރެގިއުލޭޓަރީ ބިލެވެ. މި ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލައި، އާ މުއައްސަސާއަކަށް ބޮޑެތި ބާރުތަކެއް ދީފައިވެއެވެ. މީގެ ސަބަބުން މީޑިއާގެ މިނިވަންކަން ގެއްލި، ނޫސް އިދާރާތަކަށް ބޮޑެތި އަދަބުތައް ދިނުމުގެ ފުރުސަތު އޮތް ކަމަށް ނޫސްވެރިން ބުނެއެވެ.

މި ބިލު ފާސްކުރި ދުވަހު ވެސް ނޫސްވެރިން ވަނީ ދައުލަތުގެ މުއައްސަސާތަކުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ. އެ ދުވަހު ފުލުހުން ވަނީ ތިން ނޫސްވެރިއަކު ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، އިސް މަޖިލިސް މެންބަރަކު ނޫސްވެރިންނަށް ނިސްބަތްކޮށް "މަރާލަން ޖެހޭ" ކަމަށް ބުނެ ދެއްކެވި ވާހަކަތަކާ ގުޅިގެން ވެސް ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ރައީސް މުއިއްޒުއާ ގުޅޭ ތުހުމަތުތަކެއް ހިމެނޭ ޑޮކިއުމެންޓްރީއެއް އާންމުކުރުމާ ގުޅިގެން، 'އަދަދު' ނިއުސްގެ އޮފީހަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި އެ ނޫހުގެ ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ނޫހުގެ އިސް ބައެއް މުވައްޒަފުން ރާއްޖެއިން ބޭރަށް ދިއުން މަނާކޮށް ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވަނީ އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ މީޑިއާ ގާނޫނުގެ ސަބަބުން ނޫން ކަމަށް ވިދާޅުވެފައެވެ. "ޕްރެސާ ވިތު ދަ ސްޕޯކްސް" ބްރީފިންގްގައި ތަރުޖަމާނު ވިދާޅުވީ، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކަށް ފޮނުވާފައިވާ ބައެއް މައުލޫމާތުތަކަކީ ފުރިހަމަނުވާ އަދި ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކަމަށެވެ. އަދި ބައެއް ކަންކަމަކީ ޗެޓްޖީޕީޓީ ފަދަ އޭއައި ވަސީލަތްތައް ބޭނުންކޮށްގެން ބޮޑުކޮށްފައިވާ ކަންކަން ކަމަށް ވެސް ތަރުޖަމާނު ތުހުމަތު ކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *