Tuesday, 28 July 2026
ފޮޓޯ:ހައްޖުކޯޕަރޭޝަން

މި އަހަރު ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގްރޫޕް މި މަހު 15 ގައި ފުރަނީ

މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދާ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މި މަހުގެ 15 ވަނަ ދުވަހު ފުރާނެ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. މީގެ ތެރެއިން ދެ ފްލައިޓަކީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތަކެވެ. އަދި އަނެއް ދެ ފްލައިޓަކީ ސައުދިއާ އެއާލައިންގެ ދަތުރުތަކެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މި އަހަރު ރާއްޖެއަށް ލިބުނު 1،000 ހައްޖު ކޯޓާގެ ދަށުން ފުރާ މީހުންގެ ތެރެއިން 500 މީހަކު ދަތުރުކުރާނީ މޯލްޑިވިއަންގައެވެ.

ހައްޖުވެރިން ފުރާ ފްލައިޓްތަކުގެ ތާވަލު:

  • ފުރަތަމަ ފްލައިޓް: މި މަހު 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 6:55 ގައި
  • ދެވަނަ ފްލައިޓް: މި މަހު 17 ވާ ހޯމަ ދުވަހުގެ ރޭގަނޑު 10:05 ގައި
  • ތިންވަނަ ފްލައިޓް: މި މަހު 18 ވާ އަންގާރަ ދުވަހުގެ ހެނދުނު 6:55 ގައި
  • ހަތަރުވަނަ ފްލައިޓް: މި މަހު 19 ވާ ބުދަ ދުވަހުގެ ދަންވަރު 12:05 ގައި

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުވެރިން ސައުދީއަށް ދިއުމުގެ ކުރިން، އެ ގައުމުގައި ހައްޖުވެރިންގެ ކަންކަން އިންތިޒާމުކޮށް ތައްޔާރުވުމަށްޓަކައި އެ ކުންފުނީގެ އެޑްވާންސް ޓީމެއް މާދަމާ ސައުދީއަށް ފުރާނެ ކަމަށެވެ.

މިފަހަރު ހައްޖަށްދާ ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާގައި ޖުމްލަ 22 ދުވަސް ހޭދަކުރާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ހާއްސަ އިސްކަމެއް ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *