ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، ސްްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅަކީ ސްްރީލަންކާގެ ރައީސް އަނުރާ ކުމަރަ ޑިސަނަޔަކޭގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ރުހުން ދީފައެވެ.
މި ދަތުރުފުޅުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:
- ދިފާޢީ ކަންކަން ހަރުދަނާކުރުމަށްޓަކައި ތަމްރީނުތަކާއި ދިރާސާތައް ގުޅިގެން ކުރިއަށްގެންދިއުމަށް ދެ ޤައުމުގެ ދިފާޢީ ވުޒާރާއިން ވެވޭ އެއްބަސްވުން.
- ދެ ޤައުމުގެ ފަތުރުވެރިކަން ކުރިއަރުވައި އިޝްތިހާރު ކުރުމަށްޓަކައި ވެވޭ ޚާއްޞަ އެއްބަސްވުން.
- ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ރާއްޖޭގެ ހެލްތް މިނިސްޓްރީއާއި ލަންކާގެ ކަމާގުޅޭ އިދާރާތަކާ ދެމެދު ގުޅުން ބަދަހިކުރުމަށް ވެވޭ އެއްބަސްވުން.
- ތަޢުލީމީ ފެންވަރު މަތިކުރުމަށްޓަކައި ޓީޗަރުންނާއި ސްކޫލް އިސްވެރިން ތަމްރީނުކުރުމަށް ދެ ޤައުމުގެ ތަޢުލީމީ ވުޒާރާއިން ވެވޭ އެއްބަސްވުން.
މީގެ އިތުރުންވެސް ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކި ދާއިރާތަކުން އިތުރު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ދިވެހިރާއްޖެއާއި ސްްރީލަންކާއާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުއެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.


