Tuesday, 28 July 2026
ދިވެހި ރުފިޔާ -- ފޮޓޯ: ރާއްޖެ24

ހަލާކުވެގެން މިދިޔަ އަހަރު 9 ލައްކައަށް ވުރެ ގިނަ ރުފިޔާ ނޫޓު ނައްތާލި: އެމްއެމްއޭ

ހަލާކުވެފައިވާތީ މިދިޔަ އަހަރުގެ ތެރޭގައި 938,000 އަށް ވުރެ ގިނަ ދިވެހި ރުފިޔާގެ ނޫޓު ނައްތާލާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. މަރުކަޒީ ބޭންކުން ބުނި ގޮތުގައި ނައްތާލި ނޫޓުތަކުގެ ޖުމްލަ އަދަދަކީ 938,033 އެވެ. މީގެ މޫނުމަތީ އަގަށް ބަލާއިރު ޖުމްލަ 70.6 މިލިއަން ރުފިޔާ ނައްތާލާފައިވެއެވެ.

އެމްއެމްއޭ އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނައްތާލި ނޫޓުތަކުގެ ތެރޭގައި އެންމެ ގިނައީ 100 ރުފިޔާގެ ނޫޓެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ "ރަންދިހަ ފަހެއް" ނޫޓު ސީރީޒަކީ ސަލާމަތީ ފީޗާތައް ވަރުގަދަ ޕޮލިމާ ނޫޓުތަކެއް ނަމަވެސް، އެކި ސަބަބުތަކާ ހުރެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވާ ނޫޓުތައް ދައުރުވުމުން ބޭރުކޮށް ނައްތާލުމަކީ މަރުކަޒީ ބޭންކުން ކުރަމުންދާ މަސައްކަތެކެވެ.

2016 ވަނަ އަހަރު ތައާރަފުކުރި މި ނޫޓު ސީރީޒްގެ ތެރެއިން ބައެއް ނޫޓުތައް މަދުވުމާއި ހަލާކުވުން ފަދަ ކަންކަމާ ގުޅިގެން އެކި ފަހަރު މަތިން އާ ނޫޓުތައް ޗާޕްކޮށްގެން ދައުރުގެ ތެރެއަށް ނެރެފައިވެއެވެ. އެގޮތުން އެންމެ ފަހުން އާ ސްޓޮކެއް ޗާޕްކޮށްގެން ނެރެފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އެ ފަހަރު ދައުރު ކުރަން ފެށީ އަލަށް ޗާޕްކުރި 10 ރުފިޔާގެ ނޫޓުތަކެކެވެ.

މަރުކަޒީ ބޭންކުން އަބަދުވެސް އިލްތިމާސްކުރަނީ ފައިސާގެ ނޫޓުތައް ގެންގުޅުމުގައި ސަމާލުވުމަށެވެ. ނޫޓުތައް ހަލާކުވުމުން ދައުރުގެ ތެރެއިން އެ ނޫޓުތައް ނައްތާލައި އާ ނޫޓުތައް ޗާޕްކުރުމަކީ ދައުލަތުން ބޮޑު ހޭދައެއް ހިނގާ ކަމަކަށް ވާތީ، ފައިސާ ރައްކާތެރިކަމާއެކު ގެންގުޅުމަކީ މުހިންމު ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *