ރާއްޖޭގައި ތިބޭ މީހުންގެ ބޭންކް ކާޑުތައް އެހެން ބަޔަކު ރާއްޖޭން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ. މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
ޝަރީފް ވިދާޅުވީ، މި ނިންމުން ތަންފީޒު ކުރުމަށްޓަކައި ބޭންކުން މިހާރު މޯލްޑިވްސް އިމިގްރޭޝަންއާ އެކު ޑިޖިޓަލް އިންޓަގްރޭޝަނެއް ގާއިމްކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން، ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރިކަން އިމިގްރޭޝަންގެ ރެކޯޑުތަކުން ކަށަވަރުވާ ނަމަ ނޫނީ، ބޭރުގެ ޕީއޯއެސް (POS) މެޝިންތަކާއި އޭޓީއެމްތަކުގައި އެ ކާޑެއް ބޭނުން ނުކުރެވޭނެއެވެ.
މި ބަދަލު ގެންނަން ޖެހުނު ސަބަބާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ، ރާއްޖޭން ބޭރަށް ދާ މީހުންގެ އަތަށް ކާޑު ދީގެން، ބޭރު ފައިސާ ބޭނުންކުރެވޭ ލިމިޓުގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަކީ ބޭންކުގެ މަގްސަދެއް ކަމަށެވެ. "ބޭންކުން ޑޮލަރު ގަންނަން ލިބޭ ވަރަށް ވުރެ ޑޮލަރު ވިއްކޭ އަދަދު ކާޑުތަކަށް ވެސް އިތުރު. ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް، އެންމެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެ ގޮތް ހެދުމަށް ކޮންމެވެސް ކަހަލަ ނިޒާމުތަކެއް ހަމަޖައްސަން ޖެހޭ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، މި ނިންމުމާއެކު ރާއްޖޭގައި މީހަކު ހުންނަވާއިރު، އެ ބޭފުޅެއްގެ ކާޑު އެހެން ބަޔަކު ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭނެކަން ކަށަވަރުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ވިޔަފާރި ބޭނުމަށް ރާއްޖޭން ބޭރުގެ ވެބްސައިޓުތަކުން ކުރާ މުއާމަލާތްތައް ކޮންޓްރޯލް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
އެގޮތުން، ޓީމޫ (Temu) އަދި ޝީއިން (Shein) ފަދަ އޮންލައިން ޝޮޕިން ސައިޓުތަކުން ވިޔަފާރި ކުރުމަށް ކޮންމެ ދުވަހަކަށް ވަކި ބަޖެޓެއް ނުވަތަ ލިމިޓެއް ކަނޑައަޅަން ބޭންކުން ވަނީ ނިންމާފައެވެ. ނަމަވެސް، އެހެން ބޭނުންތަކަށް ބޭނުންކުރާ ސައިޓްތަކަށް މިވަގުތު ބަދަލެއް ނުގެންނާނެ ކަމަށާއި، އެ ސައިޓްތަކުގައި މިހާރުވެސް ހުރި ލިމިޓްތަކުގެ ތެރެއިން މުއާމަލާތް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.


