Monday, 27 July 2026

ތިލަމާލެ ބްރިޖު – ދުނިޔޭގެ ރެކޯޑު ފޮތަށް!

ދިވެހިރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫޢު ކަމަށްވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) މިހާރު އޮތީ ދުނިޔޭގެ ރެކޯޑެއް ގާއިމުކުރުމުގެ މަގުމަތީގައެވެ. އިންޑިއާގެ "އެފްކޮންސް" ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މިހާރު އަޅަމުންދާ ތިލަމާލެ ބްރިޖުގައި ދުނިޔޭގެ އެންމެ އުސް ބްރިޖު ތަނބުތައް (ޕައިލްސް) ޖަހަމުންދާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޖީ. ބާލާ ސުބްރަމާނިއަން "ރާއްޖެ24″ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފައެވެ.

ކަނޑުގެ ފުން ސަރަހައްދުތަކުގައި 120 މީޓަރާ ހަމައަށް ފުންކޮށް ޖަހާފައިވާ ތަނބުތަކާއި، ގަދަ ކަނޑުގެ ހާލަތްތަކަށް ކެތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބައިތަކަކީ ތިލަމާލެ ބްރިޖުގެ ވަރުގަދަކަމާއި ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދޭ އެންމެ ފާހަގަކޮށްލެވޭ އިންޖިނިއަރިން ކާމިޔާބީތަކެވެ.

"މި ބްރިޖު އެޅުމުގައި ކުރިމަތިވި އިންޖިނިއަރިން ގޮންޖެހުންތައް ވަރަށް ބޮޑު، ނަމަވެސް އިންޑިއާގެ ކުންފުނިތަކުން ވަނީ ކާމިޔާބީއާއެކު އެކަންކަމުން އަރައިގަނެފައި،" ސުބްރަމާނިއަން ވިދާޅުވިއެވެ.

ހައިކޮމިޝަނަރ ވިދާޅުވިގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ދާދިފަހުން ވަނީ މި ސަރަހައްދު ބަލައި ފާސްކޮށް، މިއީ ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ އުސް އޮނިގަނޑުކަން ކަށަވަރުކޮށްދީފައެވެ. އަދި މަސައްކަތް ނިމުމުން، މި ބްރިޖު ރަސްމީކޮށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާނެކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ.

ޖުމްލަ 500 މިލިއަން ޑޮލަރުގެ އަގުހުރި މި މަޝްރޫއަކީ (400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނޭ) މާލެއާ ވިލިނގިއްޔާއި، ގުޅީފަޅާއި، ތިލަފުށި ގުޅާލައި، މި ރަށްތަކުގެ މެދުގައި ދާއިމީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށްދޭނެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަގްސަދަކީ އިގްތިސާދީ އަދި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި، ހާއްސަކޮށް ސިނާއީ އަދި ގުދަންކުރުމުގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ތިލަފުއްޓަށް މީގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ.

"މި ބްރިޖުގެ ސަބަބުން މީހުން ގުޅުވައިދީ، ވިޔަފާރި ފުޅާވެ، މުދާ އުފުލުމުގައި ދޯނިފަހަރަށް ބަރާސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެ،" ސުބްރަމާނިއަން އިތުރަށް ވިދާޅުވިއެވެ.

މިހާރު ބްރިޖުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ކޮންމެ އެއްޗެއްގައި 240 މެޓްރިކް ޓަނު ހުންނަ 1،400 އަށްވުރެ ގިނަ ރޯޑް ސްލެބް ވަނީ ހަރުކޮށްފައެވެ. މި ބްރިޖުގެ ފުޅާމިނުގައި 25 މީޓަރަށްވުރެ ގިނަ އަދި އުސްމިނުގައި 8.33 މީޓަރު ހުރެއެވެ.

ޖީ.އެމް.ސީ.ޕީގެ އިތުރުން، އިންޑިއާއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓްތަކާއި، މަގުތަކާއި، ނަރުދަމާއާއި، ސިއްހީ ހިދުމަތްތަކާއި، ސޯޝަލް ހައުސިން މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއީ އިންޑިއާގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތާއި ސަރަހައްދީ ތަރައްގީގެ 'މަހާ ސާގަރު' ތަސައްވުރުގެ ދަށުން ދެމުންދާ އެއްބާރުލުމެއްކަން ހައިކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.

އަދި މި ބްރިޖު ބޭނުންކުރަން ފެށުމުން، ރަށްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަލުވެ، ސިނާއީ ކުރިއެރުން ހަލުވިވެ، އިންޑިއާ-ރާއްޖެ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މި ބްރިޖު ފެނިގެންދާނެކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *