Wednesday, 31 December 2025
ސްކީމްގެ ދަށުން ލޯނު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުން

ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން 909 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް ނިންމައިފި

"ހިޔާވެހި ފައިނޭންސިން ސްކީމް" ގެ ދަށުން ސަރުކާރުން މިހާތަނަށް 909 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް ނިންމާފައިވާ ކަމަށްް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. 

މި ސްކީމަކީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން 5 އިންސައްތަ ފައިދާގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދާއިރު، މީގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއި ގޮތްތަކެއްގެ މަތިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ

މި ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ސްކީމުން އެޗް.ޑީ.އެފް.ސީ މެދުވެރިކޮށް 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، މި ބައިގައި އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހެއެވެ.

ދެވަނަ ބަޔަކީ އާބަން ސެންޓަރުތަކަށް ކަނޑައަޅާ ރަށްރަށަށް ޚާއްޞަ 3 މިލިޔަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނެވެ. އަދި ތިންވަނަ ބަޔަކީ މާލެ ސަރަހައްދަށް ޚާއްޞަ 6 މިލިޔަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނެވެ. މާލެ ސަރަހައްދާއި އާބަން ސެންޓަރުތަކުގެ ސްކީމްތައް ކުރިއަށްގެންދަނީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) މެދުވެރިކޮށެވެ.

މި ސްކީމްގެ ފުރަތަމަ ބުރުގައި ޖުމްލަ 23 ފަރާތަކަށް ފައިނޭންސިން ދިނުމަށް މިހާރު ވަނީ ނިންމާފައެވެ. މާލެ ސަރަހައްދުގެ ސްކީމް ހާއްސަކޮށް އަމާޒުކޮށްފައިވަނީ ގެދޮރު ނުހެދި ހުރި ފަރާތްތަކަށާއި، ނުނިމި ހުރި އިމާރާތްތައް ނިންމުމަށާއި، ކުދި ބިންތައް އެއްކޮށްލައިގެން އިމާރާތްކުރުމަށެވެ.

މިއީ ރައްޔިތުންނަށް އެކަށޭނަ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ މުހިންމު ސިޔާސަތުގެ ދަށުން، ގެދޮރުވެރިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *