ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ގައުމުގެ ސިޔާސީ މަސްރަހުގައި ތިރީސް އަހަރަށްވުރެ ގިނަ ދުވަހު މުހިންމު ދައުރެއް އަދާކުރައްވާފައިވާ އަދި ސަރުކާރު ހިންގެވި ފުރަތަމަ އަންހެން ބޭފުޅާ، ޚާލިދާ ޒިއާ އުމުރުފުޅުން 80 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އެކަމަނާގެ ޕާޓީން ހާމަކޮށްފިއެވެ.
މިކަން ހާމަކުރީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ.) އިން ނެރުނު ބަޔާނެއްގައެވެ. ޚާލިދާ ޒިއާ ވަނީ ތިން ދައުރަށް ބޮޑުވަޒީރުކަން ކުރައްވާފައެވެ؛ އެގޮތުން 1991 އިން 1996 އަށް، އަދި 1996 ގައި ކުރު މުއްދަތަކަށް، އަދި އަނެއްކާވެސް 2001 އިން 2006 އަށް އެކަމަނާ ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ.
ބަންގުލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ހާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
"މި ހިތްދަތި ދަނޑިވަޅުގައި އެކަމަނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން" ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އެކަމަނާގެ ޑޮކްޓަރުން ބުނެފައިވާގޮތުގައި، އުމުރުން ދުވަސްވުމާ ގުޅިގެން ދިމާވާ ގިނަ ބަލިތައްްވަނީ އެކަމަނާއަށް ވަނީ ދިމާވެފައެވެ. މިބަލިތަކުގެ ތެރޭގައި ފުރާމޭގެ ސިރޯސިސް ބަލި ގޯސްވެފައިވުން، ކަށީގެ ރިހުން (އާތުރައިޓިސް)، ހަކުރުބަލި، އަދި މެޔާއި ހިތަށް ދިމާވެފައިވާ މައްސަލަތައް ހިމެނެއެވެ.
ޕާޓީގެ ސްޓޭންޑިން ކޮމިޓީގެ މެންބަރެއް ކަމަށްވާ ޞަލާޙުއްދީން އަޙުމަދު ވިދާޅުވެފައިވާ ގޮތުގައި، ޚާލިދާގެ ޖަނާޒާ ވެރިރަށުގެ މަނިކް މިއާ އެވެނިއުގައި، ބުދަ ދުވަހު ޑިސެމްބަރު 31 ބޭއްވޭނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ.


