މިނިސްޓަރުންނަށް އާންމުންގެ މީހުން އަހަން ބޭނުންވާ ސުވާލުތައް ކުރުމަށް ބާއްވާ ‘އަހާ’ ގެ ތިންވަނަ ފޯރަމް ހޯމަދުވަހުގެ ރޭގައި ބޭއްވުމަށް ރައީސް އޮފީހުން ނިންމައިފި އެވެ.
އަހާގެ ނަމުގައި ރައީސް އޮފީހާ ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ހޯމަދުވަހުގެ ރޭ ބާއްވާ މި ފޯރަމްގައި ސަރުކާރުގެ ފަސް މިނިސްޓަރަކު ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި، ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި، ހަޔާ އެޑިއުކޭޝަން އަދި ލޭބާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ.
މި ފަހަރުގެ ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ސުވާލު ފޮވާނީ އޭއެޗް ޖެހުމަށްފަހު ހުސްތަންކޮޅެއް ދިނުމަށްފަހު ސުވާލު ލިޔެ 300 އަށެވެ.
އަހާގެ ފުރަތަމަ ފޯރަމް ޖެނުއަރީގައި ބޭއްވިއިރު އެ ފޯރަމުގައިވެސް ސަރުކާރުގެ ފަސް މިނިސްޓަރުންވަނީ ބައިވެރިވެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ. ދެވަނަ ފޯރަމްގައި ބައިވެރިވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެވެ.
މިނިސްޓަރުންނާއި މިގޮތަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަކީ ރައީސްގެ ރިޔާސީ ވައުދެއްވެސް މެއެވެ. އެއީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބޮޅެކެވެ.


